ކޯވިޑް-19 ރަށު ތެރޭގައި ފެތުރިފައި ވޭތޯ ބެލުމުގެ ގޮތުން މިއަދު ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ނެގުން ކުރިޔަށް ދާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ.

މިގޮތުން މިއަދުގެ މެންދުރުފަހު 14:00 އިން ހަވީރު 18:00 އަށް ރެންޑަމް ސާމްޕަލް ނެގުން އެރަށުގައި ކުރިޔަށް ދާނެ ކަމަށް ކޭއާރުއެޗް އިން ވަނީ ބުނެފައެވެ.

Ad
rt

މިއަދު ޖުމްލަ 86 ރެންޑަމް ސާމްޕަލްއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ހާމަ ކޮށްފައެވެ.

"ކޯވިޑް-19 ރަށުގައި ފެތުރިފައި ވޭތޯ ބެލުމުގެ ގޮތުން މިއަދު ކުޅުދުއްފުށީގައި 14:00-18:00 އަށް ރެންޑަމް ސާމްޕަލް ނެގުން ކުރިޔަށް ދާނެ، މިއަދު ޖުމްލަ 86 ރެންޑަމް ސާމްޕަލްއެއް ނެގުމަށް ވަނީ ހަމަޖެހިފައި. ހުރިހާ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންގެ ނުހަނު ބޮޑު އެދުމެއް." ކޭއާރުއެޗް އިން ބުނެފައި ވެއެވެ.

ކޭއާރުއެޗް އިން ރަށުތެރޭގައި ކޯވިޑް ފެތުރިފައިވޭތޯ ބެލުމުގެ މަސައްކަތް ފަށާފައި މިވަނީ އެ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު މާލެ ފޮނުވާލި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ.

އެކަމާއި ގުޅިގެން ކުޅުދުއްފުށީ މޮނިޓަރިންހާލަށް ގެނައުމުން މެދު ކަނޑާލި ކޭއާރުއެޗުގެ އޯޕީޑިގެ ޚިދުމަތް ވެސް އިއްޔެވަނީ އަލުން ފަށާފައެވެ.

ކޭއާރުއެޗްގެ އޯޕީޑިގެ ޚިދުމަތް އިއްޔެ ފެށިއިރު، އެ ހޮސްޕިޓަލުން އިތުރަށް ބުނެފައި ވަނީ މިއަދުން ފެށިގެން ކުރިން ވެސް ފުލޫ ކުލިނިކް ހިންގަމުން ދިޔަ އިމާރާތުގައި ފުލޫ ކުލިނިކުގެ ސެޓަޕް ހެދި ފުލޫ ކުލިނިކުގެ ހިދުމަތް ފެށިގެން ދާނެ ކަމަށެވެ. އަދި ރޯގާއާއި ހުމުގެ އަލާމާތްތައް ހުންނަ ފަރާތްތަކުން ސީދާ ފުލޫ ކުލިނިކަށް ޒިޔާރާތް ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.