ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި އިސްތިހާރު ކުރުމަށް ހާއްސަ ވެބިނާ ސީރީޒެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ފަށައިފި އެވެ.

ކޯވިޑްގެ މިހާލަތުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިރުން ގެނެސް، އަލުން އެ ސިނާއަތު ކޮޅަށް ޖެހުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކުގެ ތެރެއިން "ރީޑިސްކަވާ މޯލްޑިވްސް ވެބިނާ ސީރީޒް" ގެ ނަމުގައި ކުރިޔަށްގެންދާ މި ކެމްޕެއިން ކުރިއަށް ދާނީ އެންމެ ބޮޑު ޓޫރިސްޓު މާކެޓުތަކުގެ ޓްރެވަލް ޓްރޭޑް އާއި މީޑިއާއަށް ހާއްސަކޮށްގެން ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

Ad
rt

އެއް މަސް ދުވަހަށް ބަހާލެވިގެން ކަނޑައެޅޭ މާކެޓުތަކަށް ހަފްތާއަކު އެއް ދުވަހު އެއް ގަޑިއިރަށް ކުރިއަށް ގެންދާ ވެބިނާތަކުގައި އެމްއެމްޕީއާރްސީއާއި މާކެޓުތަކާއި ފަތުރުވެރިކަމުގެ އިސް ބޭފުޅުން ބައިވެރިވާނެ އެވެ.

ރާއްޖޭގެ ފަތުރުވެރިންގެ ނަމްބަރު މަތިކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ދަނޑިވަޅުގައިވެސް ރާއްޖެއަކީ އެންމެ ރައްކާތެރި އެއް ގައުމުގެ ގޮތުގައި އިޝްތިހާރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

މި ވެބިނާގައި ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި، ނިއު ނޯމަލްގައި ދަތުރު ކުރާއިރު ފަތުރުވެރިން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާ ކުރާނެ އެވެ. އެގޮތުން މިއަދު އޮތް ވެބިނާގައި ވަނީ ފަތުރުވެރިންނަށް ރާއްޖޭގައި ތަޖުރިބާ ކުރެވޭނެ ކަންކަން ހިމެނޭ "އަ ޑަޒަން މަސްޓް ޑޫ އެކްސްޕީރިއަންސަސް އިން މޯލްޑިވްސް" ކެމްޕެއިން ފަށާފަ އެވެ.

ފަތުރުވެރިން ގެނައުމަށް އިތުރު މެސެޖެއް ދެވޭނީ ރާއްޖޭގައި ދުވާލެއްގެ މަށްޗަށް ކޯވިޑް-19 އަށް މީހުން ޕޮޒިޓިވްވާ ނިސްބަތް ދަށް ކުރެވިގެންކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުސޫމް ވަނީ އޯގަސްޓް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.

ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލިއިރުން ފެށިގެން ވެސް ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އިސްތިހާރު ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ފާހަގަ ކުރަށް އެރޭ މިނިސްޓަރު ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކުރަށްވައި ރާއްޖެ އިސްތިހާރު ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.