‏ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ސެޕްޓެމްބަރު ނިޔަލަށް އިތުރުކޮށްފައިވާ ކުރުން، މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފައި ވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ ގޮތަށް ލުއިދޭން ނިންމި ސަބަބެއް ކަމަށް އެ މިނިސްޓްރީއިން ބުނީ ކޯވިޑް 19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރު ކޮށްފައި ވުމާއެކު، އާއްމު ހާލަތަށް ރުޖޫޢަވުމަށް ވަގުތު ނަގާނެކަމަށް ބެލެވޭތީ ކަމަށެވެ.

Ad
rt

"ކޯވިޑް 19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރުކޮށްފައިވުމާއެކު، އާއްމު ހާލަތަށް ރުޖޫޢަވުމަށް ވަގުތު ނަގާނެކަމަށް ބެލެވޭތީ، ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ސެޕްޓެމްބަރު ނިޔަލަށް އިތުރުކޮށްފައިވާ ކުރުން، މިއަހަރުގެ ނިޔަލަށްވަނީ ފަސްކޮށްދެވިފައި." ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައި ވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނު ލިބޭ 514 ދަރިވަރުންގެ ނަން ޖޫން 25 ވަނަ ދުވަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އިއުލާނު ކޮށްފައެވެ. އެ ބުރުގައި ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ހުޅުވާލި 550 ފުރުސަތަށް، 1،300 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލިއެވެ.

ލޯނު ލިބޭ ދަރިވަރުން ލޯނު ލިބުނުކަން އެންގި ތާރީޚުން ފެށިގެން ކުރިއަށް ހިނގާ އަހަރެއް ތެރޭގައި ކިޔަވަން ފަށަން ޖެހޭނެ އިރު، އެ ބުރުގައި ވަނީ ލައިސަންސް ކެޓަގަރީ: 15 ޖާގަ، ޑިޕްލޮމާ: 48 ޖާގަ، ޑިގްރީ: 264 ދަރިވަރުން، މާސްޓާސް: 160 ޖާގަ އަދި ޕީއެޗްޑީ: 27 ޖާގަ ދަރިވަރުން ނަށް ދޫކޮށް ފައެވެ.

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސްގެ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި 20 ޖުލައި 2020 ވަނަ ދުވަހު ވިދާޅު ވެފައެވެ. އެ މަނިކުފާނު ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 6،250 ދަރިވަރުންގެ ކިޔެވުމަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.