ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ފަރުވާދިނުމަށްފަހު މާލެ ފޮނުވާލި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށީ މޮނިޓަރިންހާލަށް ގެނައުމުން މެދު ކަނޑާލި ކޭއާރުއެޗުގެ އޯޕީޑިގެ ޚިދުމަތް މިއަދު އަލުން ފަށައިފިއެވެ.

މިގޮތުން މިއަދު 15:00 އިން ފެށިގެން އެ ހޮސްޕިޓަލްގެ އޯޕީޑީގެ ޚިދުމަތް ވަނީ ފަށާފައެވެ.

Ad
rt

އެކަން ހާމަކޮށް އެ ހޮސްޕިޓަލުން ބުނެފައިވަނީ ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތް މިއަދު 1500 އިން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. އަދި ކުރިން ލިބެމުން ދިޔަހެން ޓެލެކޮންސަލްޓޭޝަންގެ ހިދުމަތް މިހާރު ވެސް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"ކޮންމެހެން ޒިޔާރަތް ކުރަން ނުޖެހޭނަމަ ގޭގައި ހުރެގެން ޓެލެކޮންސަލްޓޭޝަންގެ ހިދުމަތް ހޯދުމަށް އިލްތިމާސް ކުރަން. އަދި ބަލި މީހުން ކައިރިއަށް ޒިޔާރަތް ނުކުރުމަށް ވެސް ނަސޭހަތްތެރި ވަން" އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އެ ހޮސްޕިޓަލުން އިތުރަށް ބުނެފައި ވަނީ މާދާމާއިން ފެށިގެން ކުރިން ވެސް ފުލޫ ކުލިނިކް ހިންގަމުން ދިޔަ އިމާރާތުގައި ފުލޫ ކުލިނިކުގެ ސެޓަޕް ހެދި ފުލޫ ކުލިނިކުގެ ހިދުމަތް ފެށިގެން ދާނެ ކަމަށެވެ. އަދި ރޯގާއާއި ހުމުގެ އަލާމާތްތައް ހުންނަ ފަރާތްތަކުން ސީދާ ފުލޫ ކުލިނިކަށް ޒިޔާރާތް ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އެ ހޮސްޕިޓަލުން ފޯރު ކޮށްދެމުންދާ ޕަބްލިކް ހެލްތު ޔުނިޓްގެ ހިދުމަތްތައް ވެސް ކުރިން ލިބެމުން ދިޔަހެން ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ކޭއާރުއެޗްގެ އޯޕީޑީގެ ހިދުމަތް މެދުކަނޑާލައި، އިމަރޖެންސީ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރެވޭ ގޮތަށް ހަމަޖެއްސީ އޯގަސްޓް 30 ވަނަ ދުވަހެވެ.