ރޭ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ނިޔާވެފައި އޮތް އުމުރުން 21 އަހަރުގެ އަންހެން ކުއްޖާ ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފި އެވެ.
އެޗްއީއޯސީއިން ވެސް ވަނީ އެ ކުއްޖާ ކޯވިޑަށް ޕޮޒިޓިވްކަން މީޑިއާއަށް ކަށަވަރުކޮށްދީފަ އެވެ.
އެޗްއީއޯސީން ބުނީ އެ އަންހެން ކުއްޖާ ނިޔާވުމުން ކޯވިޑަށް ޓެސްޓު ކުރުމަށް އޭނާގެ ސާމްޕަލެއް ނެގި ކަމަށާއި އެ ސާމްޕަލްގެ ނަތީޖާ އެ ބައްޔަށް ޕޮޒިޓިވް ކަމަށް ދައްކާފައިވާ ކަމަށެވެ.
ފުލުސް އިދާރާއިން ރޭ މެންދަމު ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ރޭ 11:42 އެހާކަންހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ 21 އަހަރުގެ ޒުވާން އަންހެނަކު އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ މައްސަލައެއް ހޮސްޕިޓަލުން ފުލުހަށް ފޮނުވާފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގެއް ކުރަމުން ގެންދާ ކަމަށް ވެސް ފުލުސް އިދާރާއިން ބުނެފައިވެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ރޭ ކުއްލި ގޮތަކަށް ނިޔާވީ ހދ. މަކުނުދޫ އަށް އުފަން އުމުރުން 21 އަހަރުގެ ފާތުމަތު ޒަހާ އަހުމަދު ޝަކީލެވެ.
ޒަހާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އުރީދޫ އޮފީހުގައި ވަޒީފާ އަދާކުރަމުން އައި ކުއްޖެކެވެ. ޒަހާގެ މަރުގެ ހިތާމައިގައި އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ ޑިސެމްބަރު 2019 ގައި އެ ކުންފުންޏާ ގުޅުނު ފަހުން، އޭނާ އަކީ އުރީދޫގެ އެއާޕޯޓް ވިޔަފާރީގެ މުހިންމު މުވައްޒަފެއް ކަމަށެވެ. ޒަހާ ނެތުމުގެ އުނިކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ވަޒީފާގައި އުޅެމުން ގައުމީ ޔުނިވަސިޓީގައި ލެބޯރެޓަރީ ސައިންސްގެ ދާއިރާ އިން ޒަހާ އައީ ކިޔަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!