ހއ. ހޯރަފުށީގައި ތަރައްޤީ ކުރަމުންދާ އެއަރޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށާގޮތަށް ހަމަޖެހިއްޖެ އެވެ.
ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ އެއަރޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް 29 އޯގަސްޓް 2020 ވާ ހޮނިހިރު ދުވަހު (މިއަދު)ގެ ހަވީރު 4:15 ގައި ފެށުމަށް ހަމަޖެހިފައި ވާކަމަށެވެ.
އެރަށު އެއަރޕޯޓުގައި ތާރުއެޅުމުގެ މަސައްކަތް ފެށުން ކުލަގަދަ ގޮތެއްގައި ގެންދިޔުމަށް ބޭނުންވާތީ، އެ ރަސްމިއްޔާތުގައި އެ ރަށުގެ ރައްޔިތުން ބައިވެރިވުމަށް ހޯރަފުށީ ކައުންސިލުން ވަނީ އެދިފައެވެ.
"ތާރު އެޅުމުގެ ރަސްމިއްޔާތުގައި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއިއެކު ތައްޔާރު ކުރެވިފައިވާ ޖާފަތުގައި ބައިވެރިވެ ދެއްވުމަށާއި، ރަސްމިއްޔާތަށް ވަޑައިގަންނަވާއިރު، ޢާއިލާގެ ހުރިހާ ކުޑަކުދިންނާއިއެކު ވަޑައިގަތުމަށް ވެސް ދަޢުވަތު އަރުވަމެވެ. އިޖުތިމާޢީ ރޫޙުގައި، ރަށުވަންތަ ލޯބީގައި، ރަށުގެ ރައްޔިތުން އަދާކުރައްވަމުންދާ މުހިއްމު ދައުރު ބަލައިގަނެ، އިޙްލާސްތެރި ޝުކުރުއަދާކުރަމެވެ."
ހޯރަފުށީ ކައުންސިލުން ބުނެފައި ވެއެވެ.
ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.
ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ހޯރަފުށީގައި ތަރައްޤީކުރުމުންދާ އެއާޕޯޓުގައި ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް އެމްޓީސީސީ އިން އެރަށަށްވަނީ ގެންގޮސްފައެވެ. މި މަޝްރޫޢުގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.
ކޯވިޑް-19 ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިނަމަވެސް އެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. ހޯރަފުށިގައި ތަރައްޤީކުރާ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއް ހަދަން ނިންމާފައިވާއިރު، 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން 842,200 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު އޮގަސްޓު މަހު ވަނީ ނިމިފަ އެވެ. ހޯރަފުށީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން ސޮއިކޮށްފައިވަނީ 25 މާރިޗު 2019 ވަނަ ދުވަހުއެވެ.
އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
ހޯރަފުށީ އެއަރޕޯޓުގައި ތާރުއެޅުމުގެ މަސައްކަތް މިއަދު ފަށާއިރު، ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތް ކުރުމުގެ މަސައްކަތް އޯގަސްޓް 27 ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.
އެ އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ.
ސޯޅަ މިލިއަން އެއް ލައްކަ ތިރީސް އެއް ހާސް ސާޅިސް ދެ ރުފިޔާ / ދެ ލާރި (16،131،042.02) އަށް ކުރުމަށް ހަވާލުވި، މި މަޝްރޫޢުއަކީ 80 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!