ޢާޝޫރާ ދުވަސް

Mosq

މުޙައްރަމު މަހުގެ 10 ވަނަ ދުވަހަކީ ކޮންމެ އަހަރެއްގެ ޢާޝޫރާ ދުވަހެވެ. އެދުވަހަކީ މޫސާގެފާނާއި، އެކަލޭގެފާނުގެ ޤައުމުގެ މީހުން، ފިރްޢައުނާއި އޭނާގެ އަޢުވާނުންގެ ނުބައިކަމުން ސަލާމަތް ކުރެއްވި ދުވަސްކަމަށް ރިވާވެގެން އާދެއެވެ.

ބަނީ އިސްރާއީލު މީހުންނާއެކުގައި މޫސާގެފާނު ކަނޑުގެ އައްސޭރިއަށް ނުކުމެވަޑައިގެންހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާ މޫސާގެފާނަށްދެއްވި އެންމެ މަތިވެރި އެއް މުޢުޖިޒާތް ދެއްކެވިއެވެ. އެއީ އެކަލޭގެފާނުގެ ޢަޞާކޮޅުން ޖެއްސެވުމުން ކަނޑު ދެފަޅިވެ، މޫސާގެފާނާއި ބަނީ އިސްރާއީލުން ކަނޑު ހުރަސްކުރުމަށް މަގެއް ހެދުނެވެ. މޫސާގެފާނާއި ބަނީ އިސްރާއީލުން ކަނޑު ހުރަސްކުރުމުން، ދެފަރާތަށް ކެހިފައިވާ މަގުގެ ފެންގަނޑު ފެތުރި ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑުވެ ޣަރަޤުވެގެން ދިޔައެވެ.

ކީރިތި ޤުރުއާނުގައި އެންމެ ގިނަ ވާހަކަތައް ވާރިދުވެފައިވާ، އަދި އެންމެ ގިނަ ފަހަރު ނަންފުޅު ޒިކުރުވެވިފައިވާ ރަސޫލުބޭކަލަކީ، މޫސާޢަލައިހިއްސަލާމްއެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ، މިޞްރުގެ ބިމަށެވެ. އޭރު މިޞްރުގައި ރަސްކަންކުރަމުން ދިޔަ ފިރްޢައުނަކީ އަމިއްލައަށް ކަލަކުކަމަށް ދަޢުވާކޮށް، އަނިޔާވެރި ވެރިކަމެއް ހިންގަމުންދިޔަ ނުބައިނުލަފާ ޚުދުމުޚްތާރު މީހެކެވެ. މޫސާގެފާނު އޭނާއަށް ދީނަށް ގޮވާލެއްވިއެވެ.

ހައްދު ފަހަނައަޅާފައިވާ ނުބައި ޢަމަލުތައް ހުއްޓާލާ، ހެޔޮމަގަށް ރުޖޫޢަވޭތޯ، އެތައް މުޢުޖިޒާތެއް މާތްﷲ ފިރްޢައުނަށް ދެއްކެވިއެވެ. އޭގެތެރޭގައި މުދާތަކާއެކު ޤާރޫން ގަންބަވައިގަތުމާއި، އެކިޒާތުގެ ތޫފާންތަކާއި، ތަދުމަޑުކަމާ، ސާފުބޯފެން ލެޔަށް ބަދަލުކުރެއްވުމާއި، ގޮށްފުޅަނތްގާއި ބޮކުގެ ބައިގަނޑުތައް ފޮނުއްވައި ފިރްޢައުނު ނިކަމެތިކުރެއްވުން ހިމެނެއެވެ. މިއިން އެއްވެސްކަމަކުން ޢިބްރަތްލިބިނުގަނެ، ފިރްޢައުނަކީ ކަލާނގެކަމުގައި ބުނެ، މޫސާގެފާނު ޤަތުލުކުޅައުމަށް އޭނާގެ ސިފައިންނާއިއެކު ނުކުތުމުގެ ނަތީޖާއަކަށްވީ، ފިރްޢައުނު ޣަރަޤުވެ ނެތިދިއުމެވެ. ޢާޝޫރާ ދުވަހަކީ އެއީއެވެ.

ޢާޝޫރާ ދުވަހަކީ އިސްލާމީ ތާރީޚްގައި ވަރަށް ހިތާމަވެރި ހާދިސާއެއްވެސް ހިގާފައިވާ ދުވަހެކެވެ. އެއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފަދަރިކަލުން، ޙުސައިންގެފާނު ޝަހީދުކޮށްލި ދުވަހެވެ. މި ހާދިސާ ހިނގާފައިވަނީ މުސްލިމުންގެ މެދުގައި ހިނގި ފިތުނަތަކަކާއި ލޭ އޮހޮރުވުންތަކެއްގެ ތެރޭގައެވެ. އެ ހާދިސާ ހިނގީ ހިޖުރައިން 61 ވަނަ އަހަރު މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ މީލާދީން 680 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހެވެ.

މިދުވަހު ރޯދަ ހިފުމުގެ މާތްކަމާއި މެދު އެތައް ޙަދީޘެއްވާރިދުވެފައިވެއެވެ.މާތް ﷲ ރުއްސުންލެއްވި ޤަތާދާ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘު ކުރެއްވިއެވެ.

"ޢާޝޫރާ ރޯދަ އިސްވެދިޔަ ފާފަތައް ފޮހެލައެވެ. އަދި ޢަރަފާތް ދުވަހުގެ ރޯދަ ދެއަހަރުގެ ފާފަ ފޮހެލައެވެ. (އެއީ) އިސްވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެއެވެ."

ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. "ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝުން ޢާޝޫރާ ދުވަހު ރޯދަ ހިފާ ކަމުގައި ވިއެވެ. އަދި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަވެސް އެދުވަހު ރޯދަ ހިއްޕެވިއެވެ. ފަހެ، އެކަލޭގެފާނު މަދީނާއަށް ވަޑައިގަތުމަށްފަހުވެސް އެދުވަހު ރޯދައަށް ހުންނަވާ، މީސްތަކުންނަށް އެދުވަހު ރޯދައަށް ހުރުމަށް އެންގެވިއެވެ. ދެން ފަހެ ރަމަޟާނު މަހުގެ ރޯދަ ބާއްވާލެއްވުމުން، ރަމަޟާނު މަހުގެ ރޯދަ އެއީ ފަރުޟެއްކަމުގައި ވެގެންދިޔައެވެ. އަދި ޢާޝޫރާ ދުވަހުގެ ރޯދަ ދޫކޮށްލެވުނެވެ. ބޭނުންވެއްޖެ މީހާ ހިފުމަށެވެ. އަދި ބޭނުންވެއްޖެ މީހާ ދޫކޮށްލުމަށެވެ. (އެބަހީ އެރޯދަ އަކީ ރަމަޟާނު މަހާއި ޚިލާފަށް ސުންނަތް ރޯދައަކަށް ވެގެންދިޔައެވެ.)

މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޢާޝޫރާ ދުވަހާއި އެކު ތާސޫޢާ ދުވަހުގެ ރޯދަ ހިފުމަށްވެސް ވަނީ ބާރު އަޅުއްވާފައެވެ. އެހެނީ ޢާޝޫރާގެ ރޯދައަކީ ޔަހޫދީންވެސް ހިފާ ރޯދައެއްކަމަށްވާތީ ޞަޙާބީން މާތް ނަބިއްޔާ ދެންނެވިކަމަށް ރިވާވެގެން އާދެއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. އެއި ޔަހޫދީންނާއި ނަޞާރާއިންވެސް މާތްކުރާ ދުވަހެކެވެ." ދެން ފަހެ އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. "ޖެހިގެން އަންނަ އަހަރު ތިމަންކަލޭގެފާނު (ދުނިޔޭގައި ހުންނެވިނަމަ) 9 ވަނަ ދުވަހު ރޯދަ ހިއްޕަވާ ހުށީމެވެ."

ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ދަރަޖަތައް:

  • ފުރަތަމަ ދަރަޖަ: ނުވަވަނަ ދުވަހާއި، ދިހަވަނަދުވަސް އަދި އެގާރަވަނަ ދުވަހު ރޯދަހިފުން.
  • ދެވަނަ ދަރަޖަ: ނުވަވަނަ ދުވަހާއި، ދިހަވަނަދުވަސް ރޯދަ ހިފުން.
  • ތިންވަނަ ދަރަޖަ: ޢާޝުރާ ދުވަހު އެކަނި ރޯދަހިފުން.

އިމާމު އިބުނުލް ޤައްޔިމު رحمه الله ވިދާޅުވެފައިއެވެ. ޢާޝުރާ ދުވަހުގެ ރޯދަ ހިފުމުގެ ތިން ދަރަޖައެއް ވެއެވެ. އޭގެތެރެއިން އެންމެ ފުރިހަމައީ ޢާޝުރާ ދުވަހާއިއެކު އޭގެ ކުރީދުވަހާއި އަދި ޖެހިގެން އަންނަ ދުވަހު ރޯދަ ހިފުމެވެ. އަދި އަނެއް ދަރަޖައަކީ މުޙައްރަމް މަހުގެ ނުވަވަނަ ދުވަހާއި ޢާޝުރާ ދުވަސް ރޯދަ ހިފުމެވެ. އެއީ މި ކަމާއި ގުޅުންހުރި ގިނަ ހަދީޘްތަކުން އެކަމަށް ދަލީލު ލިބޭތީއެވެ. އަދި އަނެއް ދަރަޖައަކީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހު އެކަނި ރޯދަ ހިފުމެވެ.

މުޙައްރަމު މަހަކީ މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ ތެރެއިން މައްސަރެކެވެ. އަދި ޢާޝޫރާ ދުވަހުގެ ރޯދައަކީ ޞަޙާބީން އެދުވަހެއްގައި ރޯދައަށް ހުންނެވުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވި، މާތްކަމާއި މަތިވެރިކަމުން ފުރިގެންވާ ދުވަހެކެވެ.

ދުޢާ އަކީ ﷲ سبحانه وتعالى ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ހެޔޮތައުފީގު އަޅަމެން އެންމެނަށް މިންވަރު ކޮށްދެއްވުމެވެ.

ލިއުނީ: މަރިޔަމް ހައިފާ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *