ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ގެ މެމްބަރުކަން އަލުން އަނބުރާ ރާއްޖެއަށް ދީފިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އެ ޖަމާއާތުގެ މެމްބަރު ގައުމުތަކުގެ މި ނިންމުމާ އެކު، ރާއްޖެއަށް އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

Ad
rt

އެ ޖަމާއަތުން އެކަން އަންގާފައި ވަނީ، އެ އިދާރައިގެ ރައީސް ލޮއިސް މާޓިން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ.

"މިއަދަކީ ރާއްޖޭގެ ކުޅިވަރަށް ނުހަނު އުފާވެރި ދުވަހެއް. ރާއްޖެ އަލުން ކޮމަންވެލްތުގެ ފެޑެރޭޝަނުން ޖާގަ ހޯދުމަށް ހުށައެޅި ރި-އެޑްމިޓް ގަބޫލުކޮށްފައިވާކަން އެ ފެޑެރޭޝަންގެ ރައީސް ވަނީ ސިޓީއަކުން އަންގަވާފަ. ރާއްޖެ އަލުން އަނބުރާ މި ފެޑެރޭޝަނަށް ވައްދަން ވޯޓު ލީ ހުރިހާ ގައުމުތަކަށް ޝުކުރު އަދާކުރަން،" އެކަމާއި ގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ކުރީ ސަރުކާރުގައި ރާއްޖެ ކޮމަންވެލްތުގެ މެމްބަރުކަމުން ވަކިވުމާއި ގުޅިގެން މެދުކެނޑިފައިވާ މި ފުރުޞަތު ރާއްޖެއަށް އަލުން ލިބިގެން ދިޔައީ ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހުގައެވެ. މި ސަރުކާރުގައި ރާއްޖެ އަލުން ވަނީ ކޮމަންވެލްތުގައި ބައިވެރިވެފައެވެ.

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ މި ޖަމާއާތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. އަށާރަ ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި ހަތަރު ހާހެއްހާ އެތުލީޓުން ބައިވެރިވެ އެވެ.