އެކަނިވެ ހާސްވެ ކަންބޮޑުވޭ ހެއްޔެވެ؟

lonely

ހިތްތަކައް ހަމަޖެހުން ލިބޭނީﷲ ހަނދުމަ ކުރުމުންނޫން ހެއްޔެވެ؟ ކީރިތި ޤުރްއާން އުނގެނި، ދަސްކޮށްގެން ކިޔަވާ މީހާ ވާނީ، މާތްވެގެންވާ، މާތް ﷲ އަށް ކިޔަމަންތެރި މަލާއިކަތުންނާ އެކުގައެވެ. އަދި ޤުރްއާން ކިޔަވައި، ހަނދާނުގައި ބެހެއްޓުމަށް ދަތިވެ، ތަކުރާރުކޮށް ކިޔަވާމީހާއަށް ދެގުނަ އަޖުރު ލިބޭނެއެވެ. ޤުރްއާނަކީ މުއުމިނުންނަށްވާ ޝިފާއެއްކަމަށްވެސް މާތްﷲ ވަހީކުރައްވާފައި ވެއެވެ. އަދި މީހެއްގެ ހިތަށް ކީރިތި ޤުރްއާން ވަދެއްޖެނަމަ، އެ ހިތުން ދުނިޔަވީ ލޯބި ނުކުމެގެންދާނެއެވެ. އަދި އެ ހިތް ޖަންނަތަށް ގެންގޮސްދޭނެއެވެ.

ތިބާ ހާސްވެ ކަންބޮޑުވޭ ހެއްޔެވެ؟ ތިރީގައި މިވާ އާޔަތް ތަކުން މާނައާމެދު ވިސްނައިފި ނަމަ ތިބާގެ މާޔޫސްވެފައިވާ ހިތައް އުއްމީދުލިއްބައި ދޭނެކަން ޔަގީނެވެ.

[فَإِنَّ مَعَ الْعُسْرِ يُسْرًا] ﴿٥﴾ [إِنَّ مَعَ الْعُسْرِ يُسْرًا] ﴿٦﴾ سورة الشرح 6 /7

”ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.“ (5) ”ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.“ (6)

[وَمَا كَانَ اللَّـهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ] ﴿٣٣﴾ سورة الأنفال

”އަދި އެއުރެން އިސްތިޣްފާރު ކޮށްކޮށް ތިއްބައި، ﷲ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ.“

ތިބާގެ ޙަޔާތުގައި ދަތި އުނދަގޫ ކަމެއް މެދުވެރިވި ކަމުގައިވިއަސް މާޔޫސް ނުވެ ދަތި ކަމަކަށްފަހު ފަސޭހަކަމެއް ވާނެކަން ހިތަށް އަރުވާލާ ދިރިއުޅުމާއިގެން ކުރިޔައްދާށެވެ. މުސްލިމެއްގެ ހައިސިއްޔަތުން އަހަރެމެންގެ އަޤީދާކަމުގައި ވާންވާނީ ހެޔޮ ނިޔަތަކާއިއެކުވާ ތައުބާ، ﷲ ގަބޫލުކުރައްވާނެކަމެވެ. އަދި ތައުބާވުމުގެ ދޮރުވަނީ އެންމެނަށްވެސް ހުޅުވިފައެވެ.

[لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ ] سورة البقرة 286

”ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ.“

[قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ] ﴿٥٣﴾ سورة الزمر 53

”ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެެވެ.“

ާއެއްވެސް މީހަކަށް ކުޅަދާނަނުވާ މިންވަރަކަށް ﷲ ތަކުލީފު ނުޖައްސަވާނެކަން ދަނެ ﷲ އީ އަޅުތަކުންގެ ޙާލު އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން އަހަރެމެން ގަބޫލުކުރަން ޖެހެއެވެ. ތިބާ ﷲ ގެ އޯގާވަންތަކަމާއި ރަޙުމަތުގެ ތަނަވަސްކަމާމެދު ފިކުރު ހިންގާލާށެވެ. ކިތަންމެ ގިނަ ފާފައެއް ކުރެވުނުކަމުގައިވިޔަސް މާޔޫސް ނުވެ ތައުބާވުމަށް އަވަސްވާށެވެ. އަދި އެކަލާންގެއާއި މެދުގައި އޮތް އުއްމީދު ކަނޑާނުލާށެވެ.

[وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ ] سورة الأعراف 156

”އަދި ތިމަންރަސްކަލާނގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ.“

[وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ إِنَّ اللَّـهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرًا] ﴿٣﴾ سورة الطلاق 3

”އަދި ﷲ އަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.“

އެކަލާނގެ އެއީ ކޮޅުނެތްކޮޅަށް އޯގާވަންތަ ރަޙްމާނުވަންތަ ރަސްކަލާނގެއެވެ. ހެޔޮ ނިޔަތަކާއި އެކު އަމަލެއް ކޮށްފިނަމަ ﷲ ޤަބޫލުކުރައްވާނެކަން ޔަޤީންކުރާށެވެ. އަހަރެމެންނަށް ﷲ ފުދެއެވެ. އަދި އަހަރެމެން އެކަނިވެރި ނުވާނެކަން ދަނެ އަބަދުވެސް ﷲ ވަނީ އަހަރެމެންނާއި އެކުގައި ކަން ހަނދުމަ ބަހައްޓަންޖެހެއެވެ.

މަތީގައިމިވާ އާޔަތް ތަކުގެ މާނައާމެދު ވިސްނައިފި ނަމަ ތިބާގެ މާާޔޫސްވެފައިވާ ހިތައް އުންމީދުލިއްބައި ދޭނެކަން ޔަގީނެވެ. ކީރިތި ޤުރްއާނަކީ އަހަރެމެންގެ އެންމެގާތް އެކުވެރީޔާއަށް ހަދަމާހިނގާށެވެ.

ލިއުނީ: މަރިޔަމް ހައިފާ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *