ކުޅުދުއްފުށި ސިޓީން ބިމެއް ވިއްކާކަށް، މިސަރުކާރަކުން ނޫޅޭކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ލަތީފް މިހެން ބުނެފައިވަނީ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައެވެ. މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް "ތިލަދުން" އިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ލަތީފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރަން ނިންމާފައިވާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓާ ހަދަން ބޭނުންވާ ބިން ވިއްކާލަން އުޅޭކަމަށްބުނެ ގިނަ ބަޔަކު ލަތީފް އަށް ގުޅަމުން އަންނަ ކަމަށެވެ. އެއަޑުތަކެއް ގަދަވެފައިވަނީ އިދިކޮޅު ކޯލިޝަނުން "ރާއްޖެ ވިއްކާލުމާ ދެކޮޅަށް އަތޮޅު ތެރޭގެ މުޒާހަރާ" އެއް މާދަމާ ބާއްވަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައިކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.

Ad
rt

ލަތީފް އިތުރަށް ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއްކަމަށާއި އެހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން މިހާރު ހަމަޖައްސައިދީފައިވާނެކަމަށެވެ. އެ ބިން ހަމަޖައްސައިދީފައިވަނީ ހިއްކި ބިމުންކަމަށް ލަތީފް ވިދާޅުވިއެވެ.

ޓާޝަރީ ހޮސްޕިޓާ ތަރައްގީ ކުރަން ބޭނުންވާ ބިން ހޯދުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ސަރުކާރާއި ކުޅުދުއްފުށީ ކައުންސިލާއި ދެމެދު ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުކަމަށާއި އޭރު ސަރުކާރުން އެދިފައިވަނީ 360000 އަކަފޫޓް ހޯދުމަށްކަމަށް ލަތީފް ވިދާޅުވިއެވެ. ނަމަވެސް ކުޅުދުއްފުއްޓަކީ ބިމު ޖާގަ ދަތި ރަށަށް ވާތީ ސަރުކާރުން ބޭނުންވާހާ ވަރަކަށް ކުޅުދުއްފުށިން ބިން ނުލިބޭނެ ކަމަށާއި ކުޅުއްފުއްޓަށް އަންނަ ޕްރޮޖެކްޓްތަކުގެ އިމާރާތްތައް ވީހާވެސް ކުޑަ ބިމެއްގައި އުސްކޮށް ތަރައްގީކުރެވޭނެ ގޮތެއް ސަރުކާރުން ހަމަޖެއްސެވުމަށް އެދިފައިވާނެކަމަށް ލަތީފް ވިދާޅުވިއެވެ.

ކުރެވުނު މަޝްވަރާތަކާއި އެކު ކައުންސިލުން ނިންމީ 130493 އަކަފޫޓްގެ ބިމެއް ހޮސްޕިޓާ ތަރައްގީކުރުމަށް ދިނުމަށް ކަމަށް ލަތީފް ވިދާޅުވިއެވެ. އެބިމަކީ އެއްވެސް ހާލެއްގައި ވިއްކާލާ ބިމެއް ނޫންކަމަށް ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން ލަތީފް ފާހަގަ ކުރީ ކުޅުދުއްފުށީގެ ހިއްކި ބިމަކީ ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ކޭޑީސީ)ގެ ބެލުމުގެ ދަށުގައިވާ ބިންތަކެއްކަމަށެވެ. ކޭޑީސީ އަކީ ކުޅުދުއްފުށީގައި 2012 ވަނަ އަހަރު ހިއްކި 28.5 ހެކްޓަރުގެ ބިން ތަރައްޤީކޮށް ހިންގުމަށްޓަކައި ދިވެހި ސަރުކާރާއި ކުޅުދުއްފުށީ ކައުންސިލް ހިއްސާވާ ގޮތަށް އުފައްދާފައިވާ ކުންފުންޏެވެ. ކޭޑީސީގެ 49 އިންސައްތަ ހިއްސާ އޮންނަނީ ކުޅުދުއްފުށީ ކައުންސިލްގައެވެ.