މާފަރު އިންޓަނޭޝަނަލް އެއާރޕޯޓުގައި ބޯޑާ ކޮންޓްރޯލް ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
މާފަރު ވައިގެ ބަނދަރުގައި މި ނިޒާމު ގާއިމުކުރުމާއިއެކު ރާއްޖޭގެ އިންޓަނޭޝަނަލް ފެންވަރުގެ ހުރިހާ ވައިގެ ބަނދަރަކާއި ކަނޑުގެ ބަނދަރުތަކުގައި މި ޚިދުމަތް ގާއިމް ކުރެވުނީ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައިވެއެވެ.
މާފަރުގައި ތަރައްޤީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްތައް ކޮށްފައިވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ، ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ފަރާތުންނެވެ.
މާފަރު އެއާރޕޯޓުގައި ޤާއިމް ކުރެވުނު ބޯޑާ ކޮންޓްރޯލް ނިޒާމަކީ އެންމެ ފަހުގެ ތަރައްގީ އާއި އެކުގައި މަސައްކަތްކުރާ ނިޒާމެއްކަމަށް އެ މިނިސްޓްރީން ބުނެފައިވާއިރު، މި ނިޒާމް ގާއިމުކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން މާފަރަށް ދަތުރުކުރެވޭނެ ގޮތް ވުމަކީ ރާއްޖޭގެ މިވަގުތު ހާލަތަށް ބަލާއިރު ލިބޭނެ އެންމެ ބޮޑު އެއް ފަސޭހަ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މާފަރު އިންޓަނޭޝަނަލް އެއާރޕޯޓަކީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހަދާފައިވާ އެއާރޕޯޓެކެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގައި ތަރައްޤީ ކޮށްފައިވާ އެއާރޕޯޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!