މާލެ ސަރަހައްދުގައި ކޯވިޑް-19 ބަލިމަޑުކަމުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ދެވަނަ ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.
ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19 ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރު، ޑރ. އަހްމަދު ޝަހީދު ކޯވިޑްގެ ހާލަތު ގޯސްވެ، މި ބަލީގައި އެޑްމިޓުކުރާ މީހުންނާއި މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާ ކަމަށެވެ.
ހޮސްޕިޓަލުގައި މީހުން އެޑްމިޓުކޮށްފައިވާ ބަލިމީހުންގެ ޢަދަދު ހަފުތާއަކަށްވުރެ ހަފުތާއެއް އިތުރުވަމުންދާ ކަން ފާހަގަ ކުރަށްވައި، ޑރ. ޝަހީދު ވިދާޅުވީ މިދިޔަ ހަފުތާގައި ކޯވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ.
ހިނގަމުންދާ ހަފުތާގައި ކޮންމެ ދުވަހަކު އެކަކު މި ބަލީގައި މަރުވަމުންދާ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ ފާއިތުވެދިޔަ އެއް މަސް ދުވަސް ތެރޭގައި އޭގެ ކުރީ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ ގުނައަށް ހޮސްޕިޓަލް ބެޑް އޮކިއުޕެންސީ ވަނީ މައްޗަށް ގޮސްފައި ކަމަށެވެ. އަދި މިހާރު ގާތްގަނޑަކަށް ކޯވިޑް-19ގައި މީހުން އެޑްމިޓުކުރަން ހުރި ޖާގައިގެ 60 ޕަސެންޓު ވަނީ ފުލްވެފައި ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ، ލޮކްޑައުނަކަށް ދިއުމަކީ އެންމެފަހުން އަޅާނެ ފިޔަވަޅުކަމަށާއި، މަސައްކަތް ކުރައްވަމުން ގެންދަވަނީ އެފަދަ ޙާލަތަކަށް ނުގޮސް، ރާއްޖޭގައި މި ބަލި ކޮންޓްރޯލްކުރުމަށްކަމަށެވެ.
އަލުން ލޮކްޑުންނަކަށް ގޮސްފިކަމަށްވާނަމަ އެކަމުގެ ސަބަބުން އިޤްތިޞާދީ ގޮތުންވެސް ބޮޑެތި ލޮޅުންތަކެއް ޤައުމަށް އަންނާނެކަމަށާއި، ކޯވިޑް-19 އާއި ގުޅުންނެތް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެކަމަށް ވެސް ޑރ. ވިދާޅުވިއެވެ.
ރާއްޖެގައި ކޯވިޑް ހަލުވިކަމާއިއެކު ފެތުރެމުން ދާއިރު ރޭ އިރުއޮއްސި 6:00 އާ ހަމައަށް ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7،047 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 28 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 21 ދިވެހިންނާއި 7 ބިދޭސީންނެވެ.
އެޗްޕީއޭއިން ރޭ ބުނީ، ރޭ އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 135 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ރޭ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 109 ދިވެހީންނާއި، 15 ބަންގްލަދޭޝް މީހުންނާއި މިސްރުގެ 2 މީހުންނާއި ނޭޕާލް މީހެކެވެ.
މިއަދު އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ މާލޭ އޭރިއާއިން ޕޮޒިޓިވް ވެފައިވަނީ 126 މީހުންނެވެ. އަތޮޅުތެރެއިން 9 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ރޭ އިރުއޮއްސި 6 އާއި ހަމައަށް މާލެ ފިޔަވައި މީހުން އުޅޭ 32 ރަށެއްގައި ކޯވިޑްގެ ބަލިމީހުން ތިބިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި 10 ރިސޯޓަކުން 9 ފަތުރުވެރިއަކާއި 23 މުވައްޒަފުން ވެސް މިބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ރޭ ހާމަ ކޮށްފައެވެ.
މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 2،580 މީހުން ތިބިއިރު، 173 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 4،439 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!