ބިން ހިއްކާއިރު އީ.އައި.އޭ ހެދިފައި ހުންނަނީ ރަނގަޅު މަޢުލޫމާތަށް ބިނާކޮށް ނޫން ކަމަށާއި، އެހެން ކަމުން ބިން ހިއްކުމުން އެ ރަށާއި އަދި ޖެހިގެން އޮންނަ ރަށްތައް ގިރުމުގެ ފުރުޞަތު ބޮޑުކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.
އިބްރާޙީމް ޝަރީފް އެހެން ވިދާޅުވީ މިއަދު އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި "ވ. ފުލިދޫ ގިރަމުންދާ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވައިލައި ހުށަހެޅި ގަރާރަށް އެންވަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް"" ވާހަކަ ދައްކަވަމުން ނެވެ.
އިބްރާޙީމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ރަށްތަކަކީ ރާއްޖޭގެ ތާރީޚު ލިޔަން ފެށީއްސުރެ އަބަދުމެ، މާ ކުރީއްސުރެ ގިރަމުން، ވޮޑެމުން އަންނަ ރަށްރަށްކަން ތާރީޚުންނާއި، ދުވަސްވީ މީހުންގެ ބަސްތަކުން އިނގޭ ކަމަށެވެ.
"ބައެއް ރަށްރަށް ގިރަމުން ގޮސް، ނޫޅެވޭ ވަރަށް ގިރީމައި ފައިބައިގެން ގޮސް ދެން އޮންނަ ރަށަށް ދަނީ. ނުވަތު ބިން ބޮޑު ރަށަކަށް ބަދަލު ވަމުން ދަނީ. މިއީ އަޅުގަނޑުމެން ޙަޤީޤަތް. އެހެންނަމަވެސް، މިހާރު މި ގިރަމުން ދަނީ ގުދުރަތީ ގޮތުން ދިމާވާ ކަންތައްތަކަށް ވުރެ އަޅުގަނޑުމެން ތަރައްޤީއަށް ޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތް ތަކުންނޭ ދެންނެވުމަކީ އަޅުގަނޑުމެން ރަނގަޅު ވާހަކައެއް އިނގޭތޯ." އިބްރާޙީމް ޝަރީފް ވިދާޅުވިއެވެ.
"އެއީ ޙަޤީޤަތް އަޅުގަނޑުމެން އެބަ ބިން ހިއްކަން. ބިން ހިއްކާއިރު އަޅުގަނޑުމެން އީ.އައި.އޭ ހަދާއިރު ހެދިފައި އޮންނަނީ، ޙަޤީޤަތުގައި ރަނގަޅު މަޢުލޫމާތަކަށް ބިނާކޮށެއް ނޫން، އެހެން އެކަން ވުމުގެ ސަބަބުން ހިއްކުމުން އެ ރަށާއި އަދި ޖެހިގެން އޮންނަ ރަށްތައް ގިރުމުގެ ފުރުޞަތު ބޮޑު، ނުވަތަ ގިރަމުންދޭ."
މެމްބަރު އިބްރާޙީމް ޝަރީފް އިތުރަށް ވިދާޅުވިއެވެ.
އޭގެއިތުރުން ރާއްޖޭގެ ރަށްތަކުގެ މެދުގައާއި، ކަނޑުއޮޅި ތަކުގައިއާއި އަދި އަތޮޅު ތެރޭގައި އެތައް ހާސް އަހަރެއް ވަންދެން ހެދިފައި އޮންނަ، ވެލި ފަރުބަދަތައް ބިން ހިއްކަން ނެގުމުގެ ސަބަބުން އެތަނުގެ އޮއިވަރު ބަދަލުވެ، އެތަނުގެ މާޙައުލު ވަރަށް ބޮޑަށް ބަދަލުވެގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެހެން ކަންދިމާވުމުން ވެސް ރަށްތައް ގިރަމުންދާ ކަމަށް މަޢުލޫމާތު ލިބެމުންދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔެ ހޫނުވުމަކީ ސައިންސްވެރިން ބުނަމުންދާ ވާހަކައެއް ކަމަށާއި، އެކަން މިހާރު އިތުރަށް ގަބޫލުކުރެން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ރެކޯޑު ކުރެވިފައިވާ ވަރަށްވުރެ ރާއްޖެއަށް ރާޅުއެރުން ގިނަ ކަމަށާއި، އުދައެރުން ވެސް ގިނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!