އައި.ސެވަން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕވޓ ލޓޑ ގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ނެއްލައިދޫ “އެދުރުވެހި” އިމާރާތް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މަރާމާތުކޮށް ނިންމައި، ނެއްލައިދޫ ކައުންސިލް އާއި ހަވަލުކޮށްފިއެވެ.

ނެއްލައިދޫ ކައުންސިލުން ބުނެފައިވަނީ މިއީ ކޯވިޑް19 އަށް މޮނިޓަރ ކުރުމަށް ކަރަންޓީންކުރުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަޤުސަދުގައި ކުރެވުނު މަސައްކަތެއްކަމަށެވެ. މިމަސައްކަތް ނިންމާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިއަދު އެދުރުވެހި އިމާރާތުގައެވެ. އައި.ސެވަން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕވޓ ލޓޑގެ ފަރާތުން ކައުންސިލާއި އިމާރާތް ހަވާލުކޮށްދެއްވީ ކުންފުނީގެ ޑިރެކްޓަރ އަހުމަދު ސަމްޢޫންއެވެ.

Ad
rt

އައި.ސެވަން ކޮންސްޓްރަކްޝަން ގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރަޝީދު (ޕުޓީ) ތިލަދުންއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއެހީ ދިނުމުގެ މަޤްޞަދަކީ ނެއްލައިދޫގައި ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވެނު މަސައްކަތެއްކަމަށެވެ. ޕުޓީ އިތުރަށް ބުނެފައިވަނީ އައި.ސެވަން ކޮންސްޓްރަކްޝަންގެ ފަރާތުން ނެއްލައިދޫ ކައުންސިލްއާއި ގުޅިގެން ނެއްލައިދޫގެ ތަރައްޤީއަށް ކުރިއަށް އޮތްތަނުގައިވެސް އެކިކަންކަން ކުރަން ރޭވިފައިވާކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރެވުނު މަރާމާތުގެތެރޭގައި އިމާރާތުގެ ސީވޭޖު އަދި ފެންހިންދާ ނިޒާމު އަލުން ޤާއިމުކުރުމާއި، އިމާރާތުގެ ފުރާޅުމަރާމާތުކުރުމާއި، ސީލިންގ މަރާމާތުކުރުމާއި، މުޅިއިމާރާތުގައި ކުލައާއި ވޯލްސީލްލުމާއި، އިމާރާތުގެ ދޮރުތައް މަރާމާތުކުރުމާއި، ތިން ކޮޓަރީގެ ފާޚާނާ ސެޓް ބަދަލުކުރުމާއި، އިމާރާތުގެ ފެން ވައިރިންގ ރަގަނޅުކޮށް ފެން މޯޓަރއެއް ހަރުކުރުމުގެ އިތުރުން ކަރަންޓް ވައިރިންގ އަޅާ ޑީބޯޑް ހަރުކުރުމުގެ މަސައްކަތްވަނީ ކުރެވިފައެވެ.

މި ޕްރޮގްރާމްގެ ދަށުން ބައެއް މެޝިނަރީސްތަކާއި ކޯވިޑް19 އިން ރައްކާތެރިވުމަށް ބޭނުންކުރާނެ ބައެއް އާލާތްތައް ކައުންސިލާއި ވަނީ ހަވާލުކޮށްފައެވެ. އޭގެތެރޭގައި ފޮގް މެޝިނަކާއި، ޑިސްއިންފެކްޓް ކުރާ މެޝިނާއި އެއަށް ބޭނުންވާ ކެމިކަލް، ޔޫވީޑިޝްއިންފެކްޝަން މެޝިނަކާއި އެއަށް ބޭނުންވާ ކެމިކަލް، ސެނެޓައިޒަރ، މާސްކް، 05 ފުލްބޮޑީ ޕީ.ޕީ.އީ އަދި ފޯހެޑް ތަމޯމީޓަރ އެއް ހިމެނެއެވެ.

އައި.ސެވަން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕވޓ ލޓޑ ގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ނެއްލައިދޫ “އެދުރުވެހި” އިމާރާތް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މަރާމާތުކޮށް ނިންމައި، ނެއްލައިދޫ ކައުންސިލް އާއި ހަވާލުކުރުމާއި ގުޅިގެން އެ ކައުންސިލާއި އެމަޖެންސީ އޮފަރޭޝަން ސެންޓަރ ގުޅިގެން ނެއްލައިދޫގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވެމުންދާ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބިގެންދާނޭކަމަށް ކައުންސިލުން ޤަބޫލުކުރާކަމުގައި އެކައުންސިލުން ވަނީ ބުނެފައެވެ. އަދި އައި.ސެވަސް ކޮންސްޓަކްޝަން ކޮމްޕެނީ ޕވޓ ލޓޑ އަށް ނެއްލައިދޫ ކައުންސިލްއާއި ރަށުގެ ރައްޔިތުންގެ ނަމުގައި އިޙްލާސްތެރި ޝުކުރު ވަނީ ދަންނަވާފައެވެ.

އައި.ސެވަން ކޮންސްޓްރަކްޝަން އިން މީގެ ކުރިންވެސް ވަނީ ނެއްލައިދޫގެ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.