އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށްދޭ ރީތި ސިފަތައް ދިވެހިންގެ ކިބައިގައި އަލުން ހަރުލެއްވުމަށް ޢަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ ހިޖްރައިން 1442 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
އެޚިޠާބުގައި އެމަނިކުފާނު ވަނީ ދަތި އުނދަގޫ ހާލަތްތަކުގައި ޢާއިލާގެ މެންބަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ އެއް ބަޔަކު އަނެއް ބަޔަކަށް އަޅާލައި އޯގާތެރިވެ އުޅުމާއި، ކުޑަކުދިންނަށް ކަމޭހިތުމާއި، އަންހެނުންނަށް އޯގާތެރިވުމާއި، މުސްކުޅިންނަށް އެހީތެރިވުން ފަދަ އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށްދޭ ރީތި ސިފަތައް ދިވެހިންގެ ކިބައިގައި އަލުން ހަރުލެއްވުމަށް ޢަޒުމް ކަނޑައެޅުމަށް ގޮވާލައްވައިފައެވެ.
ރައީސް ޞާލިޙްގެ ޙިޠާބުގައި ވަނީ، ހިޖުރީ ސަނަތުން އައު އަހަރަކާއި ބައްދަލުވިއިރު މިއަދު މެދުވެރިވެފައި މިވަނީ، ހިޖްރައިގެ މަތިވެރި ޙާދިޘާއިން ލިބިދޭ ޢިބުރަތްތަކުން ފިލާވަޅު ލިބިގަތުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ހާލަތެއްކަން ފާހަގަކުރައްވާފައެވެ.
ހިޖުރައިން ލިބިދޭ އެންމެ މަތިވެރި ޢިބުރަތަކީ، މުސްލިމުންގެ މެދުގައި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ބަދަހިކޮށް އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަންކަމަށް ވިދާޅުވެ އެ މަނިކުފާނު ވަނީ، އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުން ނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުން މުހިންމުކަމަށާއި، ކުރިއެރުމާއި ތަރައްޤީއަށް އެދޭ ނަމަ، އެންމެހައި ރައްޔިތުން އެއް ޢަޒުމެއްގައި، އެއް އަމާޒަކަށް ގަދައަޅައި މަސައްކަތްކުރުމުގެ ބޭނުންތެރިކަން ވެސް ހާމަކުރައްވާފައެވެ.
ރައީސް ޞާލިޙްގެ ޚިޠާބުގައި، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ވެސް އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ގިނަ ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ.
މި ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިޔުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި، ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާކަމަށާއި، އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިޤްތިޞާދަށް ދިރުން ލިބެން ފަށާނީ ވިޔަފާރިއާއި އިޤްތިޞާދީ އެންމެހައި ހަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަމުގައި ވެސް އެ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ޚިޡާބުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ. އަދި މި ފެށުނު 1442 ވަނަ އަހަރަކީ، ނިމިގެން ދިޔަ އަހަރަށްވުރެ، ހުރިހާ ގޮތަކުން ވެސް، ރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް، އިތުރު ތަނަވަސްކަމާއި ފާގަތިކަން ލިބި، އަދި ކުރިއެރުމާއި ބާއްޖަވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ އަހަރެއް ކަމުގައި ލެއްވުން އެދި ދުޢާ ދަންނަވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!