ސޭވް ނޭކުރެންދޫ ކަނޑޫފާ ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން ހދ. ނޭކުރެންދޫ ކައުންސިލުގެ ރަސްމީ ލިޔުންތަކުގައި "ސޭވް ނޭކުރެންދޫ ކަނޑޫފާ" ހޭޝްޓެގް ބޭނުން ކުރަން ނިންމައިފިއެވެ.
ނޭކުރެންދޫ ކައުންސިލުން މި ނިންމުން ނިންމީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވަމުންދާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމާއި ސޭވް ނޭކުރެންދޫ ކަނޑޫފާ ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން ކަމަށް އެ ކައުންސިލުން ވަަނީ ބުނެފައެވެ.
"ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވަމުންދާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމާއި ސޭވް ނޭކުރެންދޫ ކަނޑޫފާ ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން މިކައުންސިލުގެ ރަސްމީ ލިޔުންތަކުގައި ހޭޝްޓެގް ބޭނުން ކުރުމަށް ވަނީ ނިންމާފައި"
=ނޭކުރެންދޫ ކައުންސިލް=
ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ އޮތް ރަށަކީ ހދ. ނޭކުރެންދޫ އެވެ. އެ ރަށުގެ ރައްޔިތުންނަށާއި ވެއްޓަށް ލޯބި އޮތް ކޮންމެ މީހަކަށް މޮޅިވެރިކަން ގެނުވާފައި މިވަނީ އެރަށުގެ ކަނޑޫފަލުން ގިނަ އަދަދެއްގެ ކަނޑޫ ގަސްތައް މަރުވެ، ނެތިގެން ދާ މައްސަލައެވެ.
ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވަމުންދާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމާއި ސޭވް ނޭކުރެންދޫ ކަނޑޫފާ ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން މިކައުންސިލުގެ ރަސްމީ ލިޔުންތަކުގައި ހޭޝްޓެގް ބޭނުން ކުރުމަށް ވަނީ ނިންމާފަ. #SaveNeykurendhooKandoofaa pic.twitter.com/P9nNNsXQbj
— NeykurendhooCouncil (@hdhNeykurendhoo) August 18, 2020
އުތުރުގެ ކަނޑޫފާތަކަށް ދިމާވެފައި މިވާ މައްސަލައަށް އަދި ހައްލެއް ނުލިބި އޮތް އިރު، ނޭކުރެންދޫ ކައުންސިލާއި، ރައްޔިތުން ދަނީ އެރަށުގެ ކަނޑޫފަލުގެ ހިމާޔަތުގައި ފުޅާ ކެމްޕޭނެއް ކުރަމުންނެވެ. އެ ރަށުގެ ރަށްޔިތުން ތިބީ އެރަށުގެ ކަނޑޫ ފަލުގެ ހިމާޔަތަށް އެދި އެދި އެވެ.
މިއަހަރުގެ އަޟްހާ ޢީދު އެރަށުގައި ފާހަގަ ކޮށްފައި ވަނީ ވެސް އެ ރަށްޔިތުންގެ ހިތުގައި ކަނޑޫފަލަށް އޮތް ލޯތްބާއި އެކު " ކަނޑޫ ޢީދު އުފާ 1441" ގެ ނަމުގައެވެ.
ނޭކުރެންދޫ ކަނޑޫފަލުގެ ކަނޑޫގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް ފެށި މަސައްކަތުގެ ތެރެއިން ރައްޔިތުންގެ ސައްލާގެ ނަމުގައި ކައުންސިލުން ވަނީ ސިލްސިލާ ބައްދަލުވުމުން ތަކެއްވެސް އެ ރަށުގައި ފަށައިފައެވެ.
ނޭކުރެންދޫ ކައުންސިލުން ވަނީ އެރަށުގެ ކަނޑޫފަލުން ދިހަ ހާހެއްހާ ކަނޑޫގަސް މަރުވެފައިވާކަމަށް އަންދާޒާ ކޮށްފައެވެ. އެރަށު ކަނޑޫފާ ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެރަށު ކައުންސިލުންނާއި، ރައްޔިތުން ކުރަމުން ދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެރަށު ކަނޑޫފާގެ ކަނޑޫގަސްތައް މަރުވެ، ނެތިދާ ސަބަބު ހޯދުމުގެ މަސައްކަތް، އެރަށުގެ ރައްޔިތުންނާއި ސޭވް މޯލްޑިވްސް ގުޅިގެން މިއަހަރު ޖޫން މަހުގެ 26 ވަނަ ދުވަހު ވަނީ ފަށާފައެވެ.
މިގޮތުން ކަނޑޫގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް ދިރާސާއެއް ޖޫން 27 ވަނަ ދުވަހު ފަށާފައިވާއިރު، މިދިރާސާއަކީ ނޭކުރެންދޫ ކައުންސިލާއި، އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި، ރާއްޖޭގައި ތިމާވެށި ހިމާޔަތް ކުރަން ވަކާލާތުކޮށް، މަސައްކަތް ކުރަމުންދާ ސޭވް މޯލްޑިވްސް ހަރަކާތުގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދިރާސާއެކެވެ. މިދާރާސާއަށް މާލީ އެހީތެރިކަން ދެނީ ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުންނެވެ.
ނޭކުރެންދޫ ކަނޑޫފާ މަރުވާ މައްސަލާގައި، އެ ރަށް ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރާއީ ވަނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އެކަމަން ގެންނެވުމުގެ އިތުރުން، އެ މައްސަލާގައި އެންވަޔަރމެންޓް މިނިސްޓަރު އަދި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު އާއި ބައްދަލު ކުރަށްވާފައެވެ.
ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުން ވެސް ވަނީ ނޭކުރެންދޫ ކަނޑޫފަލުގައި، އެ ކަނޑޫފަލުގެ ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާ ސަބަބު ހޯދުމުގެ ދިރާސާތައް ކޮށްފައެވެ. އެ ސާވޭ ވަނީ މިއަހަރުގެ ޖުލައި 14 ވަނަ ދުވަހު ނިންމާ ލައިފައެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!