އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާ ޚިލާފަށް ރ. އަލިފުއްޓަށް ދިޔަ 2 މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޯށްފައިވަނީ ފުރަބަންދުތެރޭ މާލެއިން ރަށްރަށަށް ދަތުރުކުރުމާގުޅޭ ގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާއި ޚިލާފަށް ރަސްމީ އެއްވެސް ފަރާތެއްގެ ހުއްދަނެތި، މާލެއިން ފުރައިގެންގޮސް، ހަދަމުންދާ ރިސޯޓެއްގައި ތިބުމަށްފަހު މި މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ރ. އަލިފުއްޓަށްދިއުމުން ކަމަށެވެ.

Ad
rt

މި މައްސަލާފައި ހައްޔަރުކޮށްފައިވަނީ 47އ، އަދި 36އ ދިވެހި 2 ފިރިހެނުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި ދެމީހުން ހައްޔަރުކޮށް ރ. އަލިފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

އަދި މިމައްސަލައާއި ގުޅިގެން އެދެމީހުންގެ ބަންދުގެ މުއްދަތާއިމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މުއްދަތު މަޖުލީހުގައި އެދެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތުދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މާލޭގައި ކޯވިޑް-19 ފެތުރެމުންދާތީ، އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާއި ޚިލާފަށް މާލެއިން ފުރައިގެން އެއްވެސް ރަށަކަށް ދިއުމަކީ މަނާ ކަމެކެވެ.