ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ސެމީފައިނަލަށް ޖަރުމަނުގެ އާރްބީ ލެއިޕްޒީގް ފުރަތަމަ ފަހަރަށް ދަތުރުކޮށްފިއެވެ.

ރޭ ކުޅުނު ކުއާޓާ މެޗުން އެތުލެޓިކޯގެ މައްޗަށް ލެއިޕްޒީގުން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ލެއިޕްޒީގުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު މެޗުގައި ފެނިގެންދިޔަ ހުރިހައި ލަނޑެއް ވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ.

ދެވަނަ ހާފު ފަށައި ފުރަތަމަ ފަސްމިނެޓުގެ ތެރޭގައި ލެއިޕްޒީގުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މާސެލް ސަބިޓްޒާގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް އޮލްމޯއެވެ.

ލެއިޕްޒީގުން ލަނޑު ޖެހުމާއިއެކު އެތްލެޓިކޯއިން ވަނީ އެ ޓީމް ކުރިއަށް ޖައްސައި ލަނޑުޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެ ޓީމުގެ ޒުވާން ފޯވާޑް ފެލިކްސް ވަނީ މެޗުގެ 71 ވަނަ މިނެޓުގައި ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ ޕެނަލްޓީއަކުންނެވެ.

ލެއިޕްޒީގަށް މި މުބާރާތުގެ ސެމީގެ ޖާގަ ފުރަތަމަ ފަހަރަށް ކަށަވަރު ވެގެން ގޮސްފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ މިޑްފީލްޑަރު ޓައިލާ އެޑަމްސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ކުއާޓާއިން ފެށިގެން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މެޗުތައް ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ކުރިއަށްދާއިރު ސެމީ ފައިނަލްގައި އެ ޓީމު ބައްދަލު ކުރަން ޖެހޭނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ފޯރިގަދަވާނެ ކަމަށް ބެލެވޭ މި މެޗުގައި ބައްދަލު ކުރާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ސްޕެއިންގެ ބާސެލޯނާއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑީން މިރޭ ދަންވަރު 00:00 ގައެވެ.