ހއ. ކެލާ ސަވާރީ ބޯޓު ކޭހާއި ގުޅިގެން ކޯވިޑް-19 ބައްޔަށް ޕޮޒިޓިވްވި 10 މީހުން ރަނގަޅުވެގެން ދޫކޮށް ލައިފިއެވެ.

ކެލާ ކައުންސިލުން ބުނީ އެރަށު ސަވާރީ ބޯޓުގެ ކޭހާއި ގުޅިގެން ކޯވިޑަށް ޕޮޒިޓިވްވި 10 މީހުން ބަލިން ރަނގަޅު ވުމާއި ގުޅިގެން ދޫކޮށްލާފައި ވާ ކަމަށެވެ.

Ad
rt

ކެލާ ސަވާރީ ބޯޓު ކޭހުގައި ފުރަތަމަ ޕޮޒިޓިވްވީ އެ ބޯޓުގެ ކެޕްޓަނެވެ. އޭނާ ޕޮޒިޓިވްވީކަން އެނގުނީ ޖުލައި 27 ވަނަ ދުވަހުގެ ރެއެވެ. އޭނާ ވަނީ ޖުލައި 28 ވަނަ ދުވަހު ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓްކޮށްފައެވެ. އަދި އޭނާ ވަނީ މީގެ ދެ ދުވަސް ކުރިން އެ ސެންޓަރުން ދޫކޮށްލާފައިއެވެ.

ކެލާ ސަވާރީ ބޯޓުން ދަތުރުކުރި އިތުރު 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ޖުލައި 30 ވަނަ ދުވަހެވެ.

ކޯވިޑް- 19 ބަލީގައި އިތުރު ދިވެއްސަކު މިއަދު ވަނީ ރާއްޖެއިން މަރުވެފައި އެވެ. އޭނާއަކީ 61 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އޭނާއަކީ ރާއްޖޭގައި މިބަލީގައި ނިޔާވި 22 ވަނަ މީހާއެވެ. އޯގަސްޓް 12 ވަނަ ދުވަހު މިބަލީގައި އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައި ވާއިރު އޭނާއަކީ މިބަލީގައި ރާއްޖޭގައި ނިޔާވި 21 ވަނަ މީހާއެވެ. އެބަލީގައި ނިޔާވި 20 ވަނަ މީހާ ނިޔާވެފައި ވަނީ އޯގަސްޓް 11 ވަނަ ދުވަހުއެވެ. އެއީ 67 އަހަރުގެ ފިރިހެނެކެވެ.

އެޗްޕީއޭއިން ރޭ ބުނީ، އިއްޔެ އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 128 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެހީންނާއި، 35 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 4 މީހަކާއި ނޭޕާލް 2 މީހަކާއި، އަދި ސްރީލަންކާ 4 މީހެކެވެ.

އިއްޔެ އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ މާލޭ އޭރިއާއިން ޕޮޒިޓިވް ވެފައިވަނީ 127 މީހުންނެވެ. އަތޮޅުތެރެއިން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ. މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،494 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 22 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 2،553 މީހުން ތިބިއިރު، 156 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،920 މީހުންނެވެ.