މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި "ވެސަލް މޮނިޓަރިންގް ސިސްޓަމް" ހަރުކޮށް އުޅަނދު ހަރަކާތްތެރިވަމުންދާ ސަރަޙައްދު ވަގުތުން ޓްރެކްކޮށް ބެލުމަށްޓަކައި ގާއިމްކުރެވޭ ނިޒާމްގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢު އަކީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވޯލްޑް ބޭންކްގެ އެހީގައި، އެ ބޭންކްގެ "ސަސްޓައިނަބަލް ފިޝަރީޒް ރިސޯސަސް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ ދަށުން ލައިސަންސް ލިބިފައިވާ މަސްވެރިކަން ކުރާ އުޅަނދުފަހަރުގެތެރެއިން މިކަމަށް އެދި ހުށައަޅާ އުޅަނދުތަކުގައި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން، ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ހިމެނޭ ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ އުރީދޫ މޯލްޑިވްސް އާއެކުއެވެ.
ވެސަލް މޮނިޓަރިންގް ސިސްޓަމް ހަރުކުރުމުގެ މި މަޝްރޫޢުއަކީމަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިވެހި މަސްވެރިކަމަކީ ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދާ މަސްވެރިކަމަކަށް ހެދުމަށްޓަކައި، ފެއްޓެވި މަޝްރޫޢެއް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މަޢުލޫމާތު ދެއްވައެވެ.
ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުކުރުމުގެ ފުރަތަމަ ފިޔަވަހީގެދަށުން ޑިވައިސް ހަރުކުރުމަށް ހަމަޖެހިފައިވަނީ ލައިސަންސް ލިބިގެން ދޮށީގެ މަސްވެރިކަމުގައާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައެވެ.

މި ޕްރޮގްރާމްގެ ދަށުން، ވެސަލް މޮނިޓަރިންގ ސިސްޓަމް އުޅަނދުފަހަރުގައި ހަރުކުރުމުގެ އެންމެހާ މަސައްކަތެއް ހަވާލުކޮށްފައިވާ ފަރާތަކީ އުރީދޫ މޯލްޑިވްސް ކަމަށްވުމާއެކު، މިސިސްޓަމް އުޅަނދުފަހަރުގައި ހަރުކުރުމުގެ އެންމެހާ މަސައްކަތެއް ކުރިއަށްގެންދާނީ އޫރީދޫ މޯލްޑިވްސްއިންނެވެ. އެހެންކަމުން، ލައިސަންސް ނަގައިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުން މި ޚިދުމަތުގައި ރެޖިސްޓަރީ ވުމަށް މިނިސްޓްރީގެ ވެބްސައިޓް ލިންކްގައިވާ ފޯމު ފުރުއްވައި އެލިންކްގައި ބަޔާންކޮށްފައިވާ އޫރީދޫގެ އީމެއިލް އެޑްރެސްއަށް ފޮނުއްވޭނެކަމަށް އެމިނިސްޓްރީއިން ބުނެފައިވެއެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު އުރީދޫގެ ނަމްބަރު: 9411717 ނުވަތަ 9925590 އަށް ނުވަތަ އެމިނިސްޓްރީގެ ނަންބަރު 3033444 އަށް ގުޅުއްވައި ސާފުކުރެއްވޭނެކަމަށް މަޢުލޫމާތުދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!