•  
  •  
  •  
  •  
  •  
  •  
  •  

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އައު ކޮށްދީފިއެވެ.

މިކަން އަންގަވާފައިވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު މިއަދު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ދެބޭފުޅުން މިއަދު ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ކާބޯތަކެތީގެ ޒަރޫރީ 7 ބާވަތެއްގެ އިތުރުން އިމާރާތްކުރުމިގެ ދާއިރާއަށް ބޭނުންވާ ހިލަޔާ ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާވެސް ވަނީ އައު ކޮށްދީފައެވެ.

ކޯޓާ އައުކޮށްދިނުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ވިދާޅުވީ މިދިޔަ އަހަރަށްވުރެ އިތުރަށް މިއަހަރު ކޯޓާ ދޫކޮށްފައިވާނެކަމަށާއި، މިކަމުގެ ސަބަބުން ކޮވިޑް-19ގެ މިހާލަތުގައި ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓްކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ކޯޓާ އައު ކޮށްދެއްވާފައިވާތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތްނަމަވެސް، ޚާއްސަ އުސޫލެއްގެ ދަށުން މެދުނުކެނޑި ރާއްޖެއަށް އެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށްޓަކައިވެސް އިންޑިއާ ސަރުކާރަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.
ކޮވިޑް-19 ފެތުރެން ފެށުމާއެކު އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަންދީ، ލޮކްޑައުންގެ ސަބަބުން ރާއްޖެއަށް ތަކެތި ގެނައުމަށް ދިމާވި ދަތިތަކަށްވެސް ހައްލު ހޯދައިދީފައެވެ.

ކޯޓާ އައުކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތައް
1. ހަނޑޫ
2. ހަކުރު
3. ފުށް
4. ފިޔާ
5. ބިސް
6. އަލުވި
7. މުގު
ކޯޓާ އައު ކޮށްދީފައިވާ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު
1. ހިލަ
2. ހިލަވެލި

ޚިޔާލު

Your email address will not be published.

More in ރާއްޖެ