ޔުއެފާ ޗެމްޕިއަންސް ލީގު: ސެމީގެ ފުރަތަމަ ޖާގަ ޕީއެސްޖީއަށް

photo_2020-08-13_13-15-44

ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުގައި އެޓަލާންޓާ ކޮޅަށް ފަހުވަގުތު ދެ ލަނޑު ޖަހައި މެޗު ކާމިޔާބުކޮށް ޕީއެސްޖީން ވަނީ ސެމީފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ރޭ ޕޯޗުގަލްގެ ލިޒްބަންގައި ކުޅުނު މި މެޗުގައި އެންމެ ފަހު ވަގުތު ޕީއެސްޖީން ކާމިޔާބު ކުރި ދެ ލަނޑުން، އެޓަލާންޓާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދިއިރު، އެ ޓީމު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައި މިވަނީ 25 އަހަރަށް ފަހުއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ އެޓަލާންޓާއިންނެވެ. މި ލަނޑު މެޗުގެ 26 ވަނަ މިނެޓްގައި ޒަޕާޓާ ތަނަވަސް ކޮސްދިން ފުރުޞަތެއްގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މާރިއޯ ޕަސަލިޗެވެ. އެޓަލާންޓާގެ ލަނޑަށްފަހު ޕީއެސްޖީން ވަނީ ލަނޑު ޖަހާނެ ރަނަގަޅު ފުރުޞަތު ތަކެއް ފުރަތަމަ ހާފުގައި ވެސް ތަނަވަސް ކޮށްފައެވެ. މިގޮތުން އެ ޓީމުގެ ތަރި ނޭމާއަށް ވެސް ވަނީ ލަނޑު ޖަހާނެ ތިން ފުރުޞަތެއްލިބިފައެވެ. ނަމަވެސް އެ ފުރުޞަތު ތަކުގެ ބޭނުން ނުކުރެވުމާއިއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން އެޓަލާންޓާ ކުރީގައި އޮވެގެންނެވެ.

ޕީއެސްޖީއިން މެޗު ފަށާފައިވަނީ އެ ޓީމުގެ ފްރާންސް ފޯވާޑް އެމްބާޕޭ ފުރަތަމަ އެގާރާގައި ނުހިމަނައެވެ. ނަމަވެސް މެޗުގެ 60 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާވަނީ ކުޅެން ނުކުމެފައެވެ. ޕީއެސްޖީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 90 ވަނަ މިނެޓްގައި މާކިނިއޯސް ކާމިޔާބު ކުރި ލަނޑުންނެވެ. އޭރިއާގެ ތެރޭގައި ހުރެފައި ނޭމާ އެޓަލާންޓާގެ ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅަ މާކިނިއޯ ވަނީ ބޯޅަ ގޯލްގެތެރެއަށް ވައްދާލަފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމު އެއްވަރު ވެފައި އޮތްނަމަވެސް އިންޖަރީ ޓައިމްގެ ގޮތުގައި ދެއްކި ފަސްމިނެޓްގެ ތެރޭގައި އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މެޗުން ޕީއެސްޖީ މޮޅުވި ލަނޑު ކާމިޔާބު ކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް  ޗޫޕޯ-މޯޓިންގއެވެ.

ސެމީގައި ޕީއެސްޖީ ބައްދަލުކުރަން ޖެހޭނީ ކުއާޓާގައި މިރޭ އެތުލެޓިކޯ މެޑްރިޑާއި އާރުބީ ލެއިޕްޒީގް ވާދަކޮށް މޮޅުވާ ޓީމަކާއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *