ޅ. ނައިފަރާއި މާލެއާއި ދެމެދު ދަތުރުކުރާ "މެގަ އާރު ބޯޓު" ގެ ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
ނައިފަރު ކައުންސިލުން ބުނީ އެރަށު "މެގަ އާރު ބޯޓު"ގެ ފަޅުވެރިއެއްގެ ފަރާތުން ކޯވިޑް-19ގެ އަލާމާތްތައް ފެނުމާއި ގުޅިގެން އެމީހާ ހޯމް އައިސޮލޭޝަންގައި ބަހައްޓާ ނެގި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ނައިފަރު ކައުންސިލުން ވަނީ އާންމުންގެ ސަމާލުކަމަށްޓަކައި އެކަން ހާމަކުރަށްވާ ކަމަށް ބުނެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ. މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ.
އެޗްޕީއޭއިން ވަނީ ނުވަ ރިސޯޓެއްގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި 6 ފަތުރުވެރިއަކާއި، 10 މުވައްޒަފަކު އެބަތިބިކަމަށް ބުނެފައެވެ. އަދި ދެ ސިޓީއާއި، 10 ރަށެއްގައި ބަލި ޖެހިފައިވާ މީހުން ތިބި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ބަލި ޖެހިފައި ތިބި ފަތުރުވެރިންނާއި، މުވައްޒަފުންތިބި ރިސޯޓުތައް އެޗްޕީއޭއިން ހާމަ ކޮށްފައި ނުވާއިރު، ބަލި ޖެހިފައިވާ ތިބި މީހުން އުޅޭ ދެ ސިޓީއާއި، ދިހަ ރަށް ގޮތުގައި ހާމަ ކޮށްފައި ވަނީ ހއ. އަތޮޅުގެ ކެލާ، ފިއްލަދޫ އަދި އިހަވަންދޫ، ހދ. ނައިވާދޫ، ރ. ހުޅުދުއްފާރު، ބ. ކަމަދޫ އަދި ކުޑަރިކިލު، ޅ. ހިއްނަވަރު، ކ. މާފުށި، ވ. ފުލިދޫގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫއާއި އަދި ފުވައްމުލަކު ސިޓީއެވެ.
ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެ އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ވަނީ 5،223 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 20 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 6 ބިދޭސީންނެވެ.
މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 2،354 މީހުން ތިބިއިރު، 148 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،849 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!