ޖަރުމަނު ވިލާތުގެ ބާލިންގެ ޒެލްޑޯފް އަވަށުގައި އުޅޭ ފައިވާނާއި، ބޫޓު ވަގަށް ގެންދާ ހިޔަޅެއް އަތުލައި ގެންފިއެވެ.

އެ އަވަށުގައި ދިރިއުޅޭ ކްރިސްޓިއަން މެޔަރ ޖުލައިމަހު ގަތް ވަރަށް އަގުބޮޑު ޖޮގިންގ ބޫޓެއް ވަގަށް ނެގުމުން އޭނާ ވަނީ އެ އަވަށުން ފައިވާން އަދި ބޫޓު ވަގަށް ގެންދާ ވަގު ހޯދުމަށް އަމިއްލައަށް މަސައްކަތް ފަށާފައެވެ.

Ad
rt

އެ މަސައްކަތުގެ ތެރެއިން، އެ އަވަށުގެ އެކި މީހުން ވަނީ ފައިވާން އަދި ބޫޓު ގެއްލުން އާންމު ކަމަކަށް ވެފައި ވާތީވެ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކްރިސްޓިއަން އަމިއްލައަށް ވަގުހޯދަން މަސައްކަތް ފެށިތާ ދެތިން ދުވަސް ތެރޭގައި އާދައިގެ ފައިވާނެއް ތުނބު ލައިގެން ދިޔަ ހިޔަޅެއް ވަނީ ފެނިފައެވެ. ނަމަވެސް އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

އޭގެ ހަފްތާއެއް ފަހުން އަނެއްކާ ވެސް ކްރިސްޓިއަންއަށް އެހިޔަޅު ފެނުމުން އޭނާ އޭގެ ފަހަތުން ވާނުވާ ބަލަން ދާން ނިންމިއެވެ. އެގޮތުން ހިޔަޅަށް ފާރަލަމުން އެސޮރު ފިލާއޮންނަ ތަނާއި ހަމައަށް ކްރިސްޓިއަން ދިއުމުން 100އަށް ވުރެން ގިނަ ފައިވާނާއި ބޫޓު ވަނީ އެސޮރު ވަތް ގަސްތަކުގެ ތެރެއިން ފެނިފައެވެ. ވަގަށް ނަގާފައިވާ ފައިވާނާއި، ބޫޓުގެ ތެރޭގައި ޚާއްޞަ ގޮތެއްގައި ހިޔަޅު ވަގަށް ނަގާފައި ވަނީ "ކްރޮކްސް" ބްރޭންޑެގެ ފައިވާނެވެ.

މިއީ މިގޮތަށް ހިޔަޅު ފައިވާން ވަގަށް ނެގި ފުރަތަމަ ފަހަރެއް ނޫނެވެ. 2019 ވަނަ އަހަރު އޮސްޓްރޭލިއާގެ މެލްބަރންގައި ވެސް ވަނީ ހިޔަޅެއް މިގޮތަށް ފައިވާ ވަގަށް ގެންގޮސް އެއްކޮށް ފައެވެ. އަދި އެހިޔަޅު ފައިވާން ވަގަށް ގެންދާ މަންޒަރުވަނީ ސީސީޓީވީ އިން ރިކޯރޑްކުރެވިފައެވެ.