ދާއިރާގެ ސިއްޙީ ކަންކަން ރަނގަޅު ކުރެއްވުމަކީ މެމްބަރު ރާޢީ ވަރަށް އިސްކަމެއްދެއްވާ، ވަރަށް ބޮޑު އަމާޒެއް ކަމަށާއި، ހެލްތު މިނިސްޓަރު އަމީން އުޅުއްވިނަމަ ކޯވިޑްގެ ކުރިން ދާއިރާގައި ހުރި ސިއްޙީ ކަންކަން ހައްލުވީސް ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ.

ދިވެހި ޗެނަލުން ގެނެސްދިން "ހަވާސާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ ދާއިރާގެ ސިއްޙީ ކަންކަން ހައްލުކޮށް، އެ ދާއިރާއަށް ބޭނުންވާ ތަރައްޤީ ގެނައުމަށް އޭނާއަށް ގިނަ މަސައްކަތްތަކެއް މަޖިލިސް ތެރެއިން މިހާތަނަށް ކުރެވިފައި ވާކަމަށެވެ.

Ad
rt

މިގޮތުން ދާއިރާއަށް ބޭނުންވާ ސިއްޙީ ކަންކަން ފުރިހަމަކުރުމަށްޓަކައި، ބަޖެޓް ތެރެއިން ހޯދަން ޖެހޭ ޖާގަތައް ހޯދައި ބަޖެޓްގައި ހިމަނާފައި ވާނެ ކަމަށާއި، ޕީއެސްއައިޕީގައި ގިނަ މަޝްރޫޢުތަކެއް ހިމަނުއްވާފައި ވާނެ ކަމަށެވެ. މިކަންކަން ހާސިލް ކުރުމަށް މަޖިލިސްތެރެއިންނާއި ބޭރުން ކަމާއި ގުޅޭ ވަޒީރާއި އެކި ފަހަރުމަތިން ވާހަކަދެކެވި، މަސައްކަތް ކުރިވިފައި ވާކަމަށާއި، ހެލްތު ސެންޓަރު ތަކުންވެސް މަސައްކަތް ކުރަމުންދާ ކަމަށް ރާޢީ ވިދާޅު ވިއެވެ.

މިއަހަރުތެރޭ ދާއިރާގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެއްވި ކަމަށާއި، ކޯވިޑްގެ ހާލަތާއި ގުޅިގެން ގިނަ ކަންތައްތައް ފަށަން ހުރަސް އެޅިފައިވާ ކަމަށް ވެސް ރާޢީ ވިދާޅުވިއެވެ.

" އަޅުގަނޑު މަސައްކަތް ކުރަން، ދާއިރާގެ ސިއްޙީ މަރުކަޒުތަކުން ވެސް ކުރެވެން ހުރިކަންކަން ކުރޭ. ނަމަވެސް ހިތާމައާއިއެކު ފާހަގަކޮށްލަން އަޅުގަނޑުގެ ދާއިރާ 3 ރަށު ރައްޔިތުންވެސް، އަޅުގަނޑުވެސް ހިތްހަމަ ޖެހޭ ވަރަށް ދާއިރާގެ ހެލްތު ސެކްޓަރގެ ކަންތައްތައް ހަމަ އެހާ ރަނގަޅު ނުކުރެވޭ، ނަމަވެސް އަޅުގަނޑުގެ އުންމީދަކީ ބަޖެޓް ކުރެވިފައި ހުރި ކަންކަން ވީހާވެސް އަވަހަށް ފެށިގެން ގޮސް އެކަންތައްތައް ރައްޔިތުންނަށް މަގު ފަހިވެގެން ދިއުން"

ރާޢީ ވިދާޅުވިއެވެ.

ރާޢީ ވިދާޅުވީ ދާއިރާގެ ތިން ރަށުގައި ހުރި ޞިއްޙީ ކަންކަން ވީ އެންމެ އަވަހަކަށް ހައްލުވާން އެދޭ ކަމަށެވެ. އަދި ހދ. މަކުނުދޫއަށް ކުޑަކުދިންގެ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ބެހެއްޓުމަށް ރައީސް ޞާލިޙް ވެވަޑައިގަންނަވާ ފައިވާ ރިޔާސީ ވަޢުދު ފުއްދުމަށް އޭނާ ކުރައްވަން ޖެހޭ މަސައްކަތް ދަނީ ކުރަށް ވަމުން ކަމަށެވެ.

" އަޅުގަނޑު މިއަދުވެސް ޤަބޫލު ކުރާ ގޮތަކީ، އަޅުގަނޑުމެންނަށް މި ކޯވިޑްގެ ކުރިން އެކަންތައް ކުރެވޭނޭ އެކަން ކުރަން ހުރި ވަޒީރު އެކަމާއި އުޅުން ނަމަ، އަޅުގަނޑު ޤަބޫލު ކުރަން ވަޒީރު އެކަމުގައި ވަރަށް ލަސްކަމަށް، ދެން ހަމަ އެއްޗެކޭވެސް އެބަ ބުނަން ޖެހޭ، އަޅުގަނޑު ހުންނާނެ ވަޒީރު މަޖިލީހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައި، ތިބޭފުޅުންނައް މީޑިއާއި، ސޯސަލް މީޑިއާއިން ފެންނާނެ ދީފައި ހުރި ޖަވާބުތައް"

ރާޢީ ވިދާޅުވިއެވެ.

ހެލްތުގެ ދާއިރާއިން ކަންތައްތަކެއް ވަރަށް ރަނގަޅަށް ވެސް އެބަދާކަމަށާއި، ކަންކަން ކުރާ ދިމާތަކަށް ކުރަމުންދާ ކަމަށާއި އަދި އެ ދިމާތަކަށް ޑެލިވަރީކޮށްދޭލެއް ވެސް ރަނގަޅު ކަމަށް ރާޢީ ވިދާޅުވިއެވެ. ނަމަވެސް ވަކި ދިމާތަކެއް އިސްކޮށް މަޝްރޫޢުތައް ހިންގޭތަން ފެންނަ ކަމަށާއި، ހަމަހަމަކޮށް މަޝްރޫޢުތައް ގެންދާތަން ނުފެންނަ ކަމަށް ރާޢީ ވިދާޅުވިއެވެ. މިފަދަ ތަފާތު ކުރުންތަކާއި މެދު ހިތާމަ ކުރަށްްވާ ކަމަށާއި، ކޯލިޝަންގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނަވައިގެން ރައީސް ސާލިޙަށާއި، ސަރުކާރަށް ހުތުރުވާ ގޮތަށް ކަންތައް ކުރާތީ އެކަންކަން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށް ވެސް ރާޢީ ވިދާޅުވިއެވެ.

ރާޢީގެ މިރޭގެ ވާހަކާގައި ވަނީ ނޭކުރެންދޫ ޖަލަކީވެސް އެރަށާއި، ސަރަޙައްދުގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި، އެކަން ހާސިލް ކުރަން ކުރެވެން ހުރި ހުރިހާކަމެއް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން އެކަމުގެ މުގޫ އޮތީ ހޯމް މިނިސްޓަރީ ކަމުން، އެ މިނިސްޓްރީގެ މިނިސްޓަރަކީ ކޯލިޝަން ލީޑަރަކަށް ވެފައި، ރައީސްގެ އެ ސިޔާސީ ވަޢުދު ފުއްދަން އެއްބާރުލުން ދެއްވާނެ ކަމަށް ދެކެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގައި މިނިސްޓަރު ޖަވާބުދާރީ ކުރުވައި، ކުރައްވަމުންދާ މަސައްކަތަށް ދޫ ނުދެއްވާނެ ކަމަށް ވެސް ރާޢީ ވިދާޅުވިއެވެ.

ރާޢީ ވަނީ ދާއިރާގެ ކުމުންދޫ، ނޭކުރެންދޫ އަދި މަކުނުދޫގައި ހުރި ތަރައްޤީގެ އެކި މަޝްރޫޢުތަކާއި ގުޅޭ ގޮތުން ވަރަށް ތަފްޞީލްކޮށް، އެންމެ ފަހުގެ މަޢުލޫމާތާއިއެކު ހިއްސާ ކުރަށްވާފައި އެވެ.

ދާއިރާ ރައްޔިތުން އުންމީދު ކުރާ ކަންތައްތައް މި ސަރުކާރުގެ ފަސް އަހަރު ނިމުމުގެ ކުރިން ހާސިލް ކުރެވޭނެ ކަމަށާއި، އޭނާ އަމިއްލަ ހައިސިއްޔަތުން ވެފައިވާ ވަޢުދުތައްވެސް އޭނާގެ ދައުރުގެ ތެރެއިން ނިންމަވާނެ ކަމަށް ވެސް ރާޢީ ވަނީ ވިދާޅުވެފައެވެ.