މިހާރު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުށީ ސިޓީއަށް ބޯކޮށް ވާރޭ ވެހި، އެ ސިޓީގެ ބައެއް ގޭ ތަކަށް ފެން ވަދެއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ މި ވިއްސާރާގައި ކުޅުދުއްފުށީ ސިޓީގެ 5 ގެއަކަށް ފެން ވަދެފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވާ ކަމަށެވެ.

Ad
rt

އެ ސިޓީއަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަޙައްދު ތަކުގައި ފެން ބޮޑުވެފައިވާ ކަމުގެ ރިޕޯޓު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ނޯތު އޭރިއާގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިހާތަނަށް ފަސް ގެއަކަށް ފެން ވަދެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާއިރު، އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ ހެނދުނު 9:40 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ކުޅުދުއްފުށީ ސިޓީ އިން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަނި، ފޮޓޯ, އެމްއެންޑީއެފް

ކުޅުދުއްފުށީ ސިޓީއަށް އިއްޔެ ކުރި ވިއްސާރާގައި ވަނީ އެރަށުގެ ގެއެއްގެ ފުރާޅުން ބައެއް ވެސް ނައްޓައިގެން ގޮސްފައި އެވެ.

މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރާގައި އިއްޔެ ވެސް ވަނީ ޅ. ކުރެންދޫގެ ބައެއް ސަރަޙައްދު ތަކުގައި ފެން ބޮޑުވެ 20 ގެއަކަށް ފެން ވަދެގެން އެމްއެންޑީއެފުން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.

މީގެ އިތުރުން ޅ. ހިންނަވަރަށަ ވެހުނު ބޯ ވާރޭގައި 3 ގެއަކަށް ފެން ވަނުމުން އެމްއެންޑީއެފުން ވަނީ އިއްޔެ ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ. އަދި ޅ. ނައިފަރަށް ބޯކޮށް ވާރޭ ވެހި 4 ގެއަކަށް ފެން ވަނުމުން އެމްއެންޑީއެފުން ވަނީ އިއްޔެ ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.