ޤާނޫނު ނަމްބަރު 7/2012، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއިން ވަޒީރަށް ލިބިގެންވާ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޢިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓައިފިއެވެ.
12 މާޗް 2020 ގައި ޢިއުލާން ކުރި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓައި، އެކަން އަންގާ ގަރާރު މިރޭ ވަނީ ހެލްތު މިނިސްޓްރީއިން އާންމު ކުރަށްވާފައެވެ.
ހެލްތު މިނިސްޓަރު އަމީން ސޮއިކުރައްވައި މިރޭ އާންމުކުރި ގަރާރުގައި ބުނީ ރާއްޖޭގައި ކޯވިޑް-19 ފެތުުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި 12 މާޗުގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަަލުގެ ހާލަތު އަދިވެސް ދެމިއެބައޮތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައި ވާކަމަށެވެ.
އެ ގަރާރުގެ ދަށުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައެވެ.
ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ. މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ.
މިއަދު ޕޮޒިޓިވްވި 89 މީހުންނާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4،769 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 6 ބިދޭސީންނެވެ.
މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 1996 މީހުން ތިބިއިރު، 129 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،754 މީހުންނެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!