ޔޫއެން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ)ގެ ދާއިމީ ލިސްޓުގައި ހއ. އިހަވަންދޫ ހިރިގަލު މިސްކިތް ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނެކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.
މިއަދު ޠާރިޤު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ އިހަވަންދޫ ހުކުރު މިސްކިތް، ޔުނެސްކޯގެ ދާއިމީ ލިސްޓުގައި ހިރިގަލު މިސްކިތްތައް ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނެކަމަށާއި މިދައުރުގެ ތެރޭގައި މިކަން ކުރާނެކަމަށެވެ.
ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް 2008ވަނަ އަހަރުން ފަށައިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން 2008ވަނަ އަހަރު މާލެ ހުކުރު މިސްކިތް ވަނީ ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ހިމެނިފައެވެ.
ދިވެހިރާއްޖޭގައި މާލޭ ހުކުރު މިސްކިތުގެ އިތުރުންވެސް ވަރަށް ގިނަ ހިރިގަލު މިސްކިތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަން ހުރުމުން ގިނަ މިސްކިތްތަކެއް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް 2011 ވަނަ އަހަރު ފެށުނުކަމަށާއި ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ 6 މިސްކިތެއް 2013 ވަނަ އަހަރު ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ވަނީ ހިމެނިފައިކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެއެވެ.
މި 6 މިސްކިތަކީ މާލޭ ހުކުރު މިސްކިތް، މާލޭ ޢީދު މިސްކިތް، އދ. ފެންފުށީ އާސާރީ މިސްކިތް، ރ.މީދޫ އާސާރީ މިސްކިތް، ލ.އިސްދޫ އާސާރީ މިސްކިތް އަދި ހއ. އިހަވަންދޫ އާސާރީ މިސްކިތެވެ. މިހާރު މި މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ދާއިމީ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
ހއ. އިހަވަންދޫ އާޘާރީ މިސްކިތް މަރާމާތު ނުކުރާއިރު ފެންނަން ހުރިގޮތް
ޑިސެމްބަރ 1701.މ ( 15 ރަޖަބް 1113 ޙ ) ވަނަ ސަނަތުގައި އައްސުލްތާން އިބްރާހީމް މުޡުހިރުއްދީން މިރަށުގައި އިމާރާތްކުރެއްވި ހިރިގަލުގެ މިސްކިތަކީ އިހަވަންދޫގެ ކުރީގެ ހުކުރު މިސްކިތެވެ. މިއީ ވަރަށް ރީތި އާޘާރީ މިސްކިތެކެވެ. މިސްކިތުގެ ޤަބުރުސްތާނުން އުތީމު ހަސަން ރަންނަބަޑޭރި ކިލެގެފާނުގެ އާއިލާގެ މެމްބަރެއްގެ މާހާނަ ފާހަގަކުރެވެއެވެ. އަދި އެކިލެގެފާނުގެ ދަރިކޮޅު އެރަށާއި ކެލާގައިވާކަމަށް ބުނެވެއެވެ.
ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުން ފެށިގެން ވަޒީރުކަން ކުރެއްވި އައްޑޫ ޝަހީދުވި ކުޑަބަނޑޭރި މުޙައްމަދު ތަކުރުފާނުގެ ދަރިކަލުން އަލްވަޒީރު މުޙަައްމަދުގެ މަހާނަ އެމިސްކިތްދޮށުގައި ވެއެވެ. އެރަށަކީވެސް ވަނގާރުފަދަ މުހިންމު ބަނދަރެކެވެ. އިހުގައި ހަރުދަނާ ބަޔަކު އުޅުނު ރަށެކެވެ.
Ha.Ihavandhoo Friday Mosque is one of the Coral Stone Mosques currently on UNESCO World Heritage Tentative List. We will ensure that we inscribe these unique mosques on the @UNESCO World Heritage Permanent List soon.
Photo: @HeritageMv pic.twitter.com/4GrPdjS2x1— Mohamed Thoriq (@ManadhooThoriq) August 5, 2020
ހިރިގަލުން ބިނާކޮށްފައިވާ މިމިސްކިތައް، 300 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށް ބުނެވެއެވެ. މީގެ އިތުރުންވެސް އިހަވަންދޫއަކީ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ބަޠަލް، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނާއި އެ ތަކުރުފާނުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، ޙަސަން ރަންނަބަނޑޭރި ކިލެގެފާނު (ޙަސަން ތަކުރުފާނު)ގެ މަންމާފުޅުގެ އުފަންރަށެވެ. އެދެ ބޭފުޅުން އުފަންވެވަޑައިގަތީވެސް އެރަށުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!