ހެލްތު މިނިސްޓަރު ޢަބުދު ﷲ އަމީން އިންނަވާ ކޮޓަރި ކަމަށް ބުނެ، މީސް މީޑިއާގައި ދައުރު ކުރަމުންދާ ފޮޓޯ ތަކަކީ ހެލްތު މިނިސްޓަރު އަމީން އިންނަވާ ކޮޓަރީގެ ފޮޓޯތަކެއް ނޫން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީގެ އޮފިޝަލެއް މީޑިއާ ތަކަށް މަޢުލޫމާތުދެމުން ވިދާޅުވެފައި ވަނީ ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީން އިންނަވާ ކޮޓަރި ކަމަށް ބުނެ، މީސް މީޑިއާގައި ދައުރު ކުރަމުންދާ ފޮޓޯ ތަކަކީ ހެލްތު މިނިސްޓަރު އަމީން އިންނަވާ ކޮޓަރިއެއް ނޫން ކަމަށެވެ.

Ad
rt

އެ އޮފިޝަލް އިތުރަށް ވިދާޅުވީ ހެލްތު މިނިސްޓަރީގައި ހެދިފައިވާ ކޮންފަރެންސް ރޫމްގައި މިނިސްޓްރީގެ އިވެންޓްތައް ބޭއްވުމުގެ އިތުރުން، އެހެން ފަރާތްތަކުގެ އިވެންޓްތައް ބޭއްވުމަށް ވެސް ކުއްޔަށް ދޫ ކުރެވޭނެ ކަމަށެވެ. މި ގޮތަށް ކުއްޔަށް ދީގެން ލިބޭ ފައިސާ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ކުރުމަށް ހެލްތު ފަންޑަށް ޖަމާ ކުރެވޭނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ ނުވަ ވަނަ ފަންގި ފިލާގައި ހުންނަ އެ ކޮންފަރެންސް ރޫމްގެ ނަމަކީ މޫމިނާ ހަލީމް މާލަން ކަމަށާއި، އެ ނަމަކީ ރާއްޖޭގެ ފުރަތަމަ އަންހެން ހެލްތު މިނިސްޓަރަށް ނިސްބަތްކޮށް ދެވިފައިވާ ނަމެއްކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ކޮންފަރެންސް ރޫމް ހެދުމުގެ ބޭނުމަކީ އެ މިނިސްޓްރީއަކީ ގިނަ އިވެންޓްތަކެއް ބާއްވާ މިނިސްޓަރީއެއް ކަމަށް ވެފައި، އެ ފަދަ އިވެންޓްތައް އެހެން ތަންތާނގައި ބޭއްވުމަށް ގިނަ ޚަރަދު ތަކެއް ކުރަން ޖެހޭތީ، އެ ގޮތަށް ކުރާ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ކަމަށެވެ.

އެ ކޮންފަރެންސް ރޫމް ހެދުމުގެ މަސައްކަތް ކޯވިޑް-19 ގެ ކުރިން ފަށާފައި ވާކަމަށާއި، އެތަން ހެދުމަށް ހިނގި ޚަރަދު ފަހުން ހިއްސާ ކުރަށްވާނެ ކަމަށް ވެސް އެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ހެލްތުމިނިސްޓަރުގެ މިހާރުގެ ކޮޓަރި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުގެ އަގުބޮޑު ކޮޓަރިކޮޅުގެ ކުރެހުންތަކެއް ކަމަށް ބުނެ މީޑިޔާގައި އިތުރު ފޮޓޯތަކެއްވެސް ވަނީ ދަޢުރުވެފައެވެ. އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ މިއީ ބޮޑުވަރު ކަމަށް ވިދާޅުވެ މިނިސްޓަރ އަމީން އަށް ފާޑުކިއުން އަމާޒުކޮށްފައެވެ.

ކޮޓަރިކޮޅު ގެ ކުރެހުންކަމަށްބުނެ ދައުރުކުރަމުންދާ ފޮޓޯ

"ދިވެހި ރައްޔިތުން ތިބީ ކޮވިޑަށް ޓެސްޓް ނުކުރެވި، ރެޒަލްޓްސް ނުލިބި، ފަރުވާ ލިބޭނެ އެނދު ހުސްވެ، ފައިސާ ހުސްވެ، ބަނޑަށް ޖެހެން ކައިރިވެފަ. މި ހަރަދު ރައްޔިތުންނަށް ކޮށްލެއްވިނަމަ ހާދަހާވާ ރަނގަޅުވީހޭ ދެއްތޯ؟"

ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ސޯޝަލްމީޑިއާގައި ގިނަ ބަޔަކު ދަނީ އެ ކޮޓަރިކޮޅާއި ގުޅޭ ގޮތުން އެކި ވާހަކަތައް ދައްކަމުންނެވެ.