ދައުލަތުން ސޮވަރިން ގެރެންޓީ ދީގެން ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްއަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭގޮތުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް، ފިނޭންސް މިނިސްޓަރާއި ކުރައްވާ ސުވާލުތަކުގެ ނޯޓިސް މިއަދު ފޮނުއްވައިފިއެވެ.
އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލިސްއިން ބުނީ 2017 ވަނަ އަހަރު ދައުލަތުން ސޮވަރިން ގެރެންޓީ ދީގެން ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްއަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭގޮތުން، މެންބަރު މީކާއީލް އަޙްމަދު ނަސީމް، ފިނޭންސް މިނިސްޓަރާ ކުރައްވާ ސުވާލުތަކުގެ ނޯޓިސް މިއަދު ފޮނުއްވައިފި ކަމަށެވެ.
މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ކަންވެސް ކުރަށްވާ އަހުމަދު ސިޔާމް (ސަންޓްރެވެލް ސިޔާމް) ގެ ކުންފުންޏަކަށް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިން ސޮވެރިން ގެރެންޓީއަކާ އެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ބޮޑު ލޯނެއް ޑިފޯލްޓްވެ، 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ދައްކަންޖެހޭ މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ސުވާލުކުރަން މެންބަރު މީކާއީލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިކަން މީޑިއާގައި ރިޕޯޓް ކޮށްފައި ވަނީ އިއްޔެއެވެ.
މެމްބަރު މީކާއީލް މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި ވަނީ ދައުލަތުން ގެރެންޓީ ދީގެން ސިޔާމްގެ ކުންފުންޏަކުން ނެގި ލޯނެއް ޑިފޯލްޓްވިތޯ އާއި އެ ފައިސާ ސަރުކާރުން ދައްކާނެ ގޮތެއް އޮތްތޯ އާއި ލޯނު ދެއްކުމުގެ މުއްދަތު އިތުރުކުރަން އެދިފައިވޭތޯ އަދި އޭގެ ސަބަބުން މާލީ ގޮތުން ކުރާނެ އަސަރުތަކަކީ ކޮބައިތޯ ބެލުމަށެވެ.
މީގެ އިތުރުން ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު ކުރާ ނަމަ ދައުލަތުގެ މާލީ އިންތިޒާމުތަކަށް ކުރާނެ އަސަރުތައް ސާފުކުރަން ވެސް މީކާއިލް އެދިވަޑައިގެންފައި ވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސިޔާމްގެ ކުންފުންޏަކަށް އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ގެ ލޯނަކަށް އޭރުގެ ސަރުކާރުން އޮތީ ސޮވެރިން ގެރެންޓީ ދީފަ އެވެ. އޭގެ ތެރެއިން 10 މިލިއަން ޑޮލަރު ޑިފޯލްޓްވުުމުން މި މަސް ތެރޭގައި އެ ފައިސާ ދައްކަން ސަރުކާރަށް ބޭންކުން އޮތީ އަންގާފައި ކަމަށް ހާމަވެފައި ވާއިރު، ސަރުކާރުން މިހާތަނަށް އެކަން ދޮގު ކުރަށް ވާފައެއް ނުވެއެވެ.
މީކާއިލް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަރިހުން އެދިވަޑައިގެންފައި ވަނީ، އެ ސުވާލުތަކުގެ ޖަވާބު ލިޔުމުން ދެއްވުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!