ފަތުރުވެރިންނަށް ހުޅުވާލައި، އޮޕަރޭޓް ކުރަމުން އަންނަ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެ މުވައްޒަފުން ތިބި ރިސޯޓުން އެހެން ރަށަކަށް ދާނަމަ 14 ދުވަހު ކަރަންޓީންގައި މަޑުކުރަން ޖެހޭނެކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅު ވެއްޖެއެވެ.
ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ވިދާޅުވީ ހުސްވި ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި ގުޅިގެން ފަތުރުވެރިން މިހާރު ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަމުންދާތީ އެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ރިސޯޓަކުން އެހެން ރަށަކަށް ދާނަމަ އެރަށަކަށް ގޮސް 14 ދުވަހު ކަރަންޓީން ވާންޖެހޭނެ ކަމަށެވެ.
އެފަދަ މުވައްޒަފުން ރަށަށް ދިއުމަށް ފަހު އެކަން ރަށު ކައުންސިލަށް އަންގަންޖެހޭނެ ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށިފަހުން އިއްޔެއާއި ހަމައަށް 57 ރިސޯޓު އޮޕަރޭޓު ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިއްޔެ ވަނީ ހާމަ ކޮށްފައެވެ.
އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިހާތަނަށް 61 ރިސޯޓަކަށް ވަނީ އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައެވެ. އޭގެ ތެރޭ ހިމެނެނީ މިއަދުގެ ނިޔަލަށް ހުޅުވައި އޮޕަރޭޓު ކުރަން ހުއްދަ ދިން 57 ރިސޯޓާއި ސެޕްޓެމްބަރުގެ ފަހުން އޮޕަރޭޝަނަށް ގެންނަ ރިސޯޓެއްގެ އިތުރުން އޮކްޓޯބަރު މަހު އޮޕަރޭޝަނަށް ގެނައުމަށް ހުއްދަ ދިން ތިން ރިސޯޓެކެވެ.
ރާއްޖޭގެ ރިސޯޓުތަކުގައި ކޯވިޑް ފެތުރެން ފެށުމާއި ގުޅިގެން ރިސޯޓުތަކަށް އަރާފޭބުން ވަގުތީ ގޮތުން މަނާކުރުމަށް ފަހު ރިސޯޓުތަކުން މީހުން ފޭބުމުގައި ޢަމަލުކުރާނެ އުސޫލެއް އެކުލަވާލާފައިވަނީ މިއަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުގައެވެ.
އޭރު ނިންމާފައިވަނީ ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ރިސޯޓުން ފޭބޭނީ އެރަށެއްގައި ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވުމަށްފަހު އެޗްޕީއޭގެ ލިޔުމާއެކުގައިކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!