މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވައިގެމަގުން ދިވެހީންގެ ބަޔަކު ޙައްޖަށްދިޔަ ފުރަތަމަ ދަތުރުގެ ވާހަކައެވެ. މި ދަތުރުގައި އަޅުގަނޑުގެ މުނިކާފަ މަނަދޫ ހާރޫނު ޙާޖީ ކަލޭފާނާއި މުނިމާމަ ޢައިޝަތު ޤާސިމާއި ކާފަ ޤާސިމް ހާރޫނު (މަނަދޫ ކާސިން ޙާޖީ) ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ދިއްދޫ އިބްރާހީމް ކަލޭފާނު (ޑީއައިކޭ) އާއި، ނޮޅިވަރަމް ދޮން ޢަލީ ކަތީބު ކަލޭފާނުގެ ދެކަނބަލުންނާއި ވިލާގެ ޗެއަރމަން ޤާސިމް އިބްރާހީމްގެ ބައްޕާފުޅު މާމިގިލީ އިބްރާހީމް މުޙައްމަދުފަދަ އޭރުގެ ތަނަވަސް ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ. އެފަހަރު 12 ބޭފުޅުން ވައިގެމަގުން ޙައްޖަށް ވަޑައިގެންނެވިއެވެ. އެއީ 1960 ވަނަ އަހަރެވެ. އެ ބޭފުޅުން ޙައްޖަށް ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ޕާސްޕޯޓްގައެވެ.

އަޅުގަނޑުގެ މުނިކާފަ ވަނީ އޭގެ ކުރިން 1928 ވަނަ އަހަރު ވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާފައެވެ. އެ ދަތުރުފުޅަށްފަހު ކިޔަމުން އައީ "ހާރޫނު ޙާޖީ" އެވެ. ރަށުގައި ކިޔަނީ "ހާޖީބެ" އެވެ. އެއީ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ސަރުކާރުން އިތުބާރު ކުރެއްވި ޢިއްޒަތްތެރިއެކެވެ. ކަލޭފާނުކަން ސަރުކާރުން ދެއްވުމުން އެއީ މަނަދޫ ހާރޫނު ޙާޖީ ކަލޭފާނެއެވެ. މުނިކާފަ އެ ފަހަރު ޙައްޖަށް ވަޑައިގެންނެވީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ އަރިހުގައި ޙައްޖަށް ވަޑައިގެންނެވި 23 ދިވެހީންގެ ތެރޭގައި ހިމެނިގެންނެވެ. ޞަލާޙުއްދީން ލިޔުއްވި "ސަފަރުނާމާއޭ ޙިޖާޒު"ގައި އެ ދަތުރުފުޅުގައި ޙައްޖުގެ އަޅުކަން ހިގައިދިޔަގޮތް ވަރަށް ތަފްސީލުކޮށް ލިޔުއްވާފައިވެއެވެ. އެ ދަތުރުގެ ބައިވެރިންގެ ތެރޭގައި ކާފަގެ ނަންފުޅު ވެސް އެބައޮތެވެ.

Ad
rt

ކާފަ ކިޔައިދީގައިވާ އެ ދަތުރުފުޅުގެ ވާހަކައެއް އަޅުގަނޑުމެންނާ ހަމައަށް ވެސް އައިސްފައި ވެއެވެ. އެ ވާހަކައަކީ އެ ދަތުރުގައި ދިޔަ މީހަކަށް ޙައްޖު ނުލިބުނު ވާހަކައެވެ. ކާފަ ވިދާޅުވާގޮތުގައި ފަނޑިޔާރު މަނިކުފާނު އަބަދުވެސް ރުމާކޮޅެއް ގެންގުޅުއްވައެވެ. އެއްދުވަހަކު ޙަރަމްފުޅު ތެރޭގައި އުޅުއްވަނިކޮށް އެ ރުމާކޮޅު ބިންމައްޗަށް ވެއްޓި ހިރަފުސް ތަތްވެއްޖެއެވެ. ކައިރީގައި ހުރި މީހަކު އެ ރުމާކޮޅު ނަގާފައި ހިރަފުސް ފޮޅާލާފައި އަތްޕުޅަށް އަރުވާފައި ދެންނެވިއެވެ. ދެރަކަމަކީ މިތަނުގެ ހިރަފުސް ބޯވުމޭ ދޮގެއްތޯއެވެ. ހިތްޕުޅާ ނުވެ އެވަގުތު ކުއްލިއަކަށް ފަނޑިޔާރުމަނިކުފާނު ވިދާޅުވިއެވެ. އެއްގޮތަކަށް ވެސް ތިޔަހެން ބުނުއްވާކަށް ނުވާނެއެވެ. އަޅުގަނޑުމެން މިއަންނަނީ މި ތަނުގެ މި ހިރަފުހުގައި އުގުޅި ހަދާކަށް ނޫންތޯއެވެ. ކާފަ ބުނުއްވާ ގޮތުގައި އެފަހަރު އެ މީހާއަށް ޙައްޖެއް ނުލިބުނެވެ." ޞަލާޙުއްދީނަށް ކާފަ ވިދާޅުވަނީ ފަނޑިޔާރުމަނިކުފާނުކަމަށް އަޅުގަނޑުގެ ބައްޕަ ވިދާޅުވެއެވެ.

ވައިގެމަގުން ޙައްޖަށްދިޔަ ފުރަތަމަ ދިވެހީންގެ ތެރޭގައި އަޅުގަނޑުގެ މުނިކާފައާއި މުނިމާމަ ދިޔައިރު ކާފަ ދިޔައީ އެ ދެމަފިރިކަނބަލުންނަށް އެހީތެރިވެދޭށެވެ. މިގޮތަށް ނޮޅިވަރަމް ދޮން ޢަލީ ޚަތީބު ކަލޭފާނުގެ ދެ ކަނބަލުން ޙައްޖަށް ވަޑައިގެންނެވިއިރު އެ ބޭފުޅުންނަށް އެހީތެރިވެވަޑައިގެންނެވުމަށް ގެންދެވީ އެ ބޭފުޅުންނާ ތިމާގެ ބޭފުޅެއް ކަމުގައިވާ ނޮޅިވަރަމް ޢަލީ އިބްރާހީމެވެ. ފަހުން އެއީ އަތޮޅުވެރިކަން ވެސް ކުރެއްވި މަޝްހޫރު ނޮޅިވަރަމް ޢަލީ ކަލޭފާނެވެ. އެ ދަތުރުފުޅުގައި އެންމެ ހަގު ދެ ބޭފުޅުންނަށް ތިއްބެވީ އަޅުގަނޑުގެ ކާފަ ޤާސިމް ހާރޫނާއި ޢަލީ ކަލޭފާނެވެ.

މި ތާރީޚީ ޙައްޖު ދަތުރުގެ ވާހަކަ އެ ދުވަސްވަރު ރާއްޖޭގައި ނެރުނު ނޫހެއްކަމުގައިވާ "މިދުވަސްވަރު" ގައި އެބައޮތެވެ. އެ ނޫހަކީ މާދޫގޭ ޢަލީ އަޙްމަދު ނެރުއްވި ނޫހެކެވެ. އެ ޚަބަރު ލިޔުއްވާފައިވާފައި ވަނީ "އާސްރާ" އެވެ. އެއީ ކަރަންކާމާގޭ މުޙައްމަދު ރަފީޢުގެ ގަލަމީ ނަންފުޅެވެ. މުޙައްމަދު ރަފީޢުއަކީ ވަރަށް މޮޅު ލިޔުންތެރިއެކެވެ. އަދި އެހާމެ ކުޅަދާނަ ޅެންވެރިއެކެވެ. އާސްރާގެ ބައެއް ޅެންތައް ވަރަށް މަޝްހޫރުވެފައިވެއެވެ. އޭގެ ތެރެއިން އެއް ޅެމަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެފާނުގެ ޚިދުމަތުގެ މައްޗަށް ހެއްދެވި "އަމީނުގެ ޒިކުރާ" އެވެ. "ފިންޏަކުން އަދި ހޫނަކު ތިޔަ އަސަރުތައް ފިލުމެއްނެތޭ، ހިތްވަރާ ޢަޒުމުގެ ނަމޫނާ ގެއްލިދާނެ ގޮތެއްނެތޭ" މިފަދަ ހިތްގައިމު އެތައް ޅެންތަކެކެވެ.

"މިދުވަސްވަރުގައި" އާސްރާ ލިޔުއްވި ދިވެހީންގެ ބަޔަކު ވައިގެމަގުން ފުރަތަމަ ޙައްޖަށްދިޔަ ދަތުރުގެ ވާހަކައަށް ދެއްވާފައިވާ ސުރުހީއަކަށް އޮތީ "އުދުހެމުން...ޙައްޖުގެ މަގުގައި..." މިހެންނެވެ. އެ ލިޔުމުގައި ވަނީ "ޙައްޖުގެ މުޤައްދަސް ފަރުޟު އަދާކުރެއްވުމަށް ޓަކައި 1960 މޭ 17 މި ދުވަހު މަތިންދާ ބޯޓެއްގައި މި ދަންނަވާ ބޭކަލުން ސިލޯނުން ފުރުއްވައިފިއެވެ. އެ ބޭކަލުން އެންމެ ފުރަތަމަ ދުރުވާނީ ބޮމްބޭ އަށެވެ. ދެ ދުވަހަކު ބޮމްބޭގައި ތިއްބެވުމަށްފަހު ދެން ޖިއްދާއަށެވެ. ދެން މަދީނާއަށެވެ. މިއަށްފަހު މައްކާއަށެވެ." މިއީ އެ ތާރީޚީ ޙައްޖު ދަތުރު ހިނގާދިޔަގޮތް އެނގޭ އެއް މަސްދަރެވެ. އަނެއް މަސްދަރަކީ އަޅުގަނޑުގެ ކާފަގެ ޕާސްޕޯޓާއި ކާފައާއި މުނިމާމަގެ ޕާސް އެވެ. މުނިމާމަގެ ޕާސްޕޯޓާއި މުނިކާފަގެ ޕާސްޕޯޓާއި ޕާސް ވެސް ފެންނާކަށް ނެތެވެ. ފެންނަން އޮތް ކާފަގެ ޕާސްޕޯޓާއި މުނިމާމައާއި ކާފަގެ ޕާސް އަޅުގަނޑުމެންގެ ޖީލާ ހަމައަށް ވާސިލުކޮށްދެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ އަޅުގަނޑުގެ ބޮޑުބޭބެ އަޙްމަދު ޙަނީފެވެ. އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުއްޓަސް ޢާއިލާގެ މި ބާވަތުގެ ކަންތައްތަކުގައި އެންމެ ކުޅެދޭ ބޭފުޅަކީ އެއީއެވެ. އެހެން ނޫންނަމަ މި ތަކެތި ވެސް ރައްކާތެރިކަމާއެކު އަޅުގަނޑުމެންނާ ހަމައަށް ނުފޯރީސްކަން ޔަގީނެވެ.

ކާފަމެން ޙައްޖަށް ވަޑައިގަތުމަށް މާލެއިން ފުރާވަޑައިގެންނެވީ 12 އެޕްރީލް 1960 ގައެވެ. އެ ދަތުރުފުޅުގައި ސަރުކާރުގެ އިންޖީނު ބޯޓެއް ކަމަށްވާ މޯލްޑިވްސްޓަރ ގައި ކަނޑުމަގުން ފުރަތަމަ ވަޑައިގެންނެވީ ސިލޯނުގެ ކޮޅުނބަށެވެ. އޭރު ސިލޯނާއި ރާއްޖެއާ ދެމެދުގައި ދިވެހިން ދަތުރުކުރަނީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއަރޒުން ދޫކުރާ "ޕާސް" ކިޔާ ޕާސްޕޯޓް ފަދަ ކުޑަ ފޮތެއް ހިފައިގެންނެވެ. އަޅުގަނޑުގެ މުނިމާމަ ޢާއިޝަތު ޤާސިމް އާއި ކާފަ ޤާސިމް ހާރޫނުގެ ޕާސް ހައްދަވާފައިވަނީ 2 އެޕްރީލް 1960 އެވެ. 09 ސެޕްޓެންބަރު 1900 ގައި އުފަންވެވަޑައިގެންނެވި މުނިމާމަގެ އުމުރުފުޅުން އޭރު 60 އަހަރުފުޅެވެ. އޭރު މާމަގެ އިސްތަށިފުޅު ވަނީ ނުރަވެފައެވެ. މި ލިޔެކިޔުމަށް ބަލާއިރު މުނިކާފަގެ އުމުރުފުޅުން އޭރު 70 އާ ގާތްކުރާނެ ކަމަށް ބެލެވެއެވެ. 04 އެޕްރީލް 1920 ގައި އުފަންވެވަޑައިގެންނެވި ކާފަގެ އުމުރުފުޅުން އޭރު 40 އަހަރުފުޅެވެ. ޙައްޖަށް ވަޑައިގަތުމަށް ޓަކައި ސިލޯނަށް ވަޑައިގަތުމަށް ވިޒާ ދޫކޮށްފައިވަނީ 6 އެޕްރީލް 1960 އިން ފެށިގެން ހަ މަސް ދުވަހަށެވެ.

ކާފަމެންނަށް ކަނޑުމަގުން ސިލޯނަށް ވަޑައިގެންނެވުނީ 14 އެޕްރީލް 1960 ގައެވެ. ކާފައަށް ދޫކޮށްފައިވާ އިނގިރޭސި ޕާސްޓްޕޯޓް ދޫކޮށްފައިވަނީ 25 އެޕްރީލް 1960 ގައެވެ. ފަސް އަހަރުގެ މުއްދަތަށް (25 އެޕްރީލް 1965 އަށް) ދޫކޮށްފައިވާ އެ ޕާސްޕޯޓްގައި ލިޔެފައިވާ ގޮތުގައި އެއީ ކޮމަންވެލްތުގެ ޤައުމުތަކަކަށާއި ބޭރުގެ ހުރިހާ ޤައުމަށް ވެސް ދަތުރުކުރެވޭނެ ޕާސްޕޯޓެކެވެ. އެ ޕާސްޕޯޓްގައި ފުރަތަމަ ވަޑައިގެންފައިވަނީ ސިލޯނުގެ ރަތުމަލަނަ އެއަރޕޯޓުން އިންޑިއާގެ މެޑްރާސް އަށެވެ. އެއީ 17 މޭ 1960 ގައެވެ. "މިދުވަސްވަރު" ގައި އެވާ ތާރީޚަކީ މިއީއެވެ. މެޑްރާހުން ވަޑައިގެންނެވީ ޙައްޖު ވިޒާ ޖެއްސެވުމަށް ބޮންބޭއަށެވެ. ޙައްޖު ވިޒާ ޖަހާފައިވަނީ އިންޑިއާގައި ހުރި ސައުދީ އެމްބަސީން 20 މޭ 1960 ގައެވެ. އެއީ ހިޖުރީގޮތުން 24 ޛުލްޤައިދާ 1379 އެވެ. ސައުދީ ޢަރަބިއްޔާއަށް ދަތުރުކުރައްވާފައިވަނީ ޖެހިގެން އައި ދުވަހުއެވެ. އެއީ ޛުލްޤައިދާ މަހުގެ 25 ވަނަ ދުވަހެވެ. 1960 މޭ 21 ވަނަ ދުވަހެވެ.

ޙައްޖުގެ އަޅުކަމުގެ ހުރިހާކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށްވެއެވެ. އެހެންނަމަވެސް ޙައްޖުގެ ހުރިހާ ބައިވެރިންނަށް ވެސް ވަރަށް ބޮޑަށް ރޯގާ ޖެހުނެވެ. މި ރޯގާގައި އަޅުގަނޑުގެ މުނިކާފައާއި މުނިމާމައަށް ވަރަށް ބޮޑުވަރު ވިއެވެ. މި ޙައްޖު ދަތުރުގައި ހިނގި އެންމެ ބޮޑު އެއް ކަމަކީ ޙައްޖުގެ ތެރޭގައި އަޅުގަނޑުގެ މާމަ ގެއްލުމެވެ. މާމަ ގެއްލިގެން ހޯދަން ނިކުންނެވީ އަޅުގަނޑުގެ ކާފަ ޤާސިމް ހާރޫނެވެ. އޭރު މުނިކާފަ އާއި ދަތުރުގެ ގިނަ ބައިވެރިން ތިއްބެވީ ވަރަށް ބޮޑަށް ރޯގާ ޖެހިވަޑައިގެންފައެވެ. މާމަ ހޯދާނެ ވަކިތަނެއް އެއްވެސް މީހަކަށް ނޭނގެއެވެ. ކާފަ ވިދާޅުވެފައިވާ ގޮތުގައި މާތްﷲ އަށް ވަކީލުކުރައްވާފައި މާމަ ފެނިވަޑައިގަންނަވާތޯ ހިންގަވަން ފެށްޓެވީއެވެ. ހީފުޅުވާ ގޮތްގޮތަށް ތަންތަން ބައްލަވަމުން ހިންގެވީއެވެ. އެއް ކުލައެއްގެ ހެދުން އަޅައިގެން އުޅޭ ގިނަ ބައެއްގެ ތެރެއިން މާމަ ދެނެވަޑައިގަންނާނީ ކިހިނެތްކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. އެކަމަކު ހިތްވަރު ކުރައްވާފައި ހިނގަވަމުން ވަޑައިގަންނެވީއެވެ. ކާފައަށް މާމަ ފެނިވަޑައިގެންނެވީ ވަރަށް ބޮޑަށް ވަރުބަލިފުޅުވެ ލޮޑުފުޅު ވެފައިވަނިކޮށެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށް ފަހު ސަޢުދީ ޢަރަބިއްޔާއިން ކާފަމެން އެނބުރި ވަޑައިގެންނެވީ 24 ޖޫން 1960 ގައި އިންޑިއާގެ ބޮންބޭއަށެވެ. ބޮންބޭ އިން މެޑްރާހަށް ވަޑައިގެންނެވީ 29 ޖޫން 1960 ގައެވެ. ހަމަ އެދުވަހު ސިލޯނަށް ވަޑައިގެންނެވިއެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ސިލޯނުން އެނބުރި މާލެ ވަޑައިގެންނެވީ 16 އޮގަސްޓް 1960 ގައެވެ.

މި ދަތުރުގައި ރާއްޖެއިން ޙައްޖަށް ވަޑައިގެންނެވި 12 ބޭފުޅުން ތިރީގައި މިވަނީއެވެ. މި ލިސްޓް ލިޔެފައި މިވަނީ "މިދުވަސްވަރު" ނޫހުގައި ލިޔެފައިވާ ތަރުތީބުންނެވެ.

1. އިބްރާހިމް ކަލޭފާނު (ހއ.ދިއްދޫ)
2. ދޮން ޢަލީ ޚަތީބު ކަލޭފާނު (ހދ.ނޮޅިވަރަމް)
3. އައިމިނަތު އާދަމް (ހދ.ނޮޅިވަރަމް)
4. ހާރޫނު ހާޖީ (ނ.މަނަދޫ)
5. ޢާއިޝަތު ޤާސިމް (ނ.މަނަދޫ)
6. ޢަލީ އިބްރާހިމް (ހދ.ނޮޅިވަރަމް)
7. ޤާސިމް ހާރޫނު (ނ.މަނަދޫ)
8. އިބްރާހީމް ފުޅު (ގ.ނަންރީތިގެ / މާލެ)
9. ޙަސަން އާދަމް (ރ.އުނގުލު)
10. އިބްރާހިމް މުޙައްމަދު (އދ.މާމިގިނލި)
11. މުޙައްމަދު ޢަލީ (ބ.އޭދަފުށި)
12. ދޮންކަލޭފާނު (ބ.އޭދަފުށި)

Maldives First Hajj Pilgrimage Journey Via A Plane