ކަސްރަތު ކުރަން ގެއިން ބޭރުގައި އުޅޭ މީހުން ކަސްރަތު ކުރާ ވަގުތު މާސްކު އަޅަން މަޖުބޫރު ނުވާގޮތަށް، މާލެ ސަރަޙައްދުގައި މިއަދުން ފެށިގެން މާސްކު އަޅަން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަންގައި ފިއެވެ.

މާލެ ސަރަހައްދުގެ މާލެ، ހުޅުމާލެ އަދި ވިލި މާލޭގައި ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި ގުޅޭ ގޮތުން، 1 އޯގަސްޓް 2020 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން އަޅާ ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ ރޭ އާންމު ކޮށްފައެވެ.

Ad
rt

މި ގޮތުން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ގެއިން ބޭރުގައި އުޅޭއިރު އަނގައާއި، ނޭފަތާއި އަދި ދަތްދޮޅި ނިވާ ވާހެން މާސްކު އަޅަން ޖެހޭ ކަން އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މި އެންގުމުގައި އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ގެއިން ބޭރުގައި އުޅޭއިރު ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތު ކުރާ ވަގުތާއި، އުމުރުން ދެ އަހަރުން ދަށުގެ ކުދިންނާއި އަދި އެހެން މީހެއްގެ އެހީގައި ނޫނީ މާސްކު އަޅައި، މާސްކު ނުނެގޭ މީހުން، މި އެންގުމުގެ ދަށުން މާސްކު އެޅުން މަޖުބޫރު ނުވާނެ ކަމަށާއި، އެ ފަރާތްތައް އެ އެންގުންމުން އިސްތިސްނާ ވާނެ ކަމަށެވެ.

ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރަން ނިންމާފައި ވަނީ ޖުލައި 30 ވަނަ ދުވަހުގެ ރޭ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެޝަނަލް ޓާސްކް ފޯހާއެކު ބޭއްވި ބައްދަލު ވުމެއްގައި ކުރެއްވި މަޝްވަރާ ތަކަށް ފަހުގައި އެވެ.

މިއަދުން ފެށިގެން މާސްކު ނާޅައި މާލެ ސަރަޙައްދުގައި ބޭރުގައި އުޅޭ މީހުން ޖޫރި މަނާ ކުރާނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. ޖޫރިމަނާ ކުރާނީ 1،000 ރުފިޔާއިން ކަމަށް ވެސް ވަނީ ބުނެފައެވެ.