ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ ކުމާރަތޫންގާ ބޭނުންކުރައްވާ ރަސްމީ ބައެއް ވެހިކަލް ރައީސްގެ ސެކްރެޓޭރިއަޓްއާ ހަވާލުކުރައްވައިފިއެވެ.
ރަސްމީ ހަތަރު ވެހިކަލެއް ހިމެނޭގޮތައް ހަވާލުކުރެއްވި ކާރުތަކުގެ ތެރޭގައި މަރސިޑިޒް ބެންސް އެސް-600 ގެ ކާރެއްވެސް ހިމެނެއެވެ. ރައީސްގެ ސެކްރެޓަރީ ޕީ ބީ ޖަޔަސުންދެރާ އަށް ދަންދްރިކާ ފޮނުއްވެވި ސިޓީގައި ބަޔާން ކުރައްވާފައިވާ ގޮތުގައި މިވެހިކަލްތައް ސަރުކާރާއި ހަވާލުކުރައްވާފައިމިވަނީ މިހާރު އެގައުމަށް ދިމާވެފައިވާ މާލީދަތިތަކުން އަރައިގަތުމަށް ބިޑު ކުރައްވުމަށެވެ.
އިތުރަށް އެކަމަނާ ހާމާ ކުރައްވަވާފައިވާގޮތުގައި އެކަމާނާ އަތުގައި ރަސްމީ 12 ވެހިކަލް އޮވެއެވެ. އޭގެތެރެއިން 9 ވެހިކަލްއަކީ އަމިއްލަފުޅުބޭނުން ތަކަށާއި އޮފިޝަލް ބޭނުންތަކަށް ބޭނުންކުރާ ވެހިކަލެވެ. އަދި 3 ވެހިކަލް އަކީ އެކަމަނާގެ ސެކިއުރިޓީ ޑިވިޝަނުން ބޭނުންކުރާ ވެހިކަލެވެ. ކައިރިމުސްތަގުބަލެއްގައި އިތުރު 8 ކާރު ސަރުކާރާ ހަވާލުކުރައްވާނެކަމަށްވެސް އެކަމަނާ ވަނީ ހާމަ ކުރައްވާފައެވެ.
ސަރުކާރަށް ހަވާލުކުރެއްވި ކާރުތަކުގެ ތެރޭގައި ހިމެނެނީ ނިސާން ޕެޓްރޯލް ޖީޕް ، މަހެންދްރާ ޑަބަލް ކެބް ، ޓޮޔޯޓާ ލޭންޑް ކްރޫޒަރ ޖިޕަކާއި މަރސިޑެޒް ބެންޒް އެސް-600 އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!