އުތީމަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެ ރަށުގައި ބަންދަރު ހެދުމުގެ އަމަލީ މަސައްކަތް ފެއްޓެވީ ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު އެ މަސައްކަތް ނިންމާލެވިފައި ނުވެއެވެ. ބަނދަރުގެ މަސައްކަތުގައި ބާކީހުރި ކަންކަން ނިންމައި އެތަން ބޭނުން ކުރަން ފެށިފައިވަނީ 2015 އަހަރުގެ ތެރޭގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ޒަޢާމަތުގައެވެ. އުތީމުގެ ބަނދަރަކީ 660 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ.

އުތީމު ބަނދަރު ހަދަމުން ދިޔަ އިރުވެސް އަދި މިހާރުވެސް އެތަން ހެދިފައިވާ ގޮތާއި ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ރައްޔިތުންގެ މެދުގައި ހުއްޓެވެ. ނަމަވެސް އެތަން ނިންމައި ބޭނުން ކުރަން ފެށުނުއިރު އެ ހުރިހައި ކަމަކަށް ހައްލު ލިބިފައި ނުވެއެވެ.

Ad
rt

މިކަމާއި ގުޅިގެން އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ބަނދަރު ހެދިފައިވާ ގޮތާއި މެދު އުތީމުގެ ރައްޔިތުން ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި އެއްކަމަކަށް ބަނދަރު ހެދިފައިވާ ސައިޒް ކުޑަވުން ހިމެނެއެވެ. އުތީމުގެ އާބާދީއަކީ ކުޑަ އާބާދީއެއް ނަމަވެސް އުތީމައަކީ ބޮޑު ތަކުރުފާނުގެ އުފަން ރަށަށް ވުމާއިއެކު އުތީމު ގަނޑުވަރު ދުށުމަށް އަހަރަކު އެއްތައް ހާސް މީހުން ޒިޔާރާށް ކުރާ ރަށަކަށް ވުމުގެ ސަބަބުން އުތީމަށް ޒިޔާރާށް ކުރާ ފަރާތްތަކަށް ފަސޭހަ ކަމާއިއެކު ބޭނުން ކުރެވޭނެ ތަނަވަސް ބަންދަރަކަށް އެ ބަނަދަރުވާން ޖެހޭކަމަށް ރަޝީދު ފާހަގަ ކުރިއެވެ.

މީގެއިތުރުން އެ ރަށުގައި މިހާރު ބަނދަރު ހެދިފައިވާ ސަރަހައްދަކީ ހުޅަނގު މޫސުމުގައި ބޮޑެތި ރާޅުނަގާ ސަރަހައްދަކަށްވެފައި މިހާރު ހެދިފައިވާ ބަނދަރުގެ ނެރުގެ ބޭރު ފައިކަށީގައި ޖަހާފައިވާ ހިލަތައް ކުދިވުމާއި އަދި އެތަން ހެދިފައިވާ ގޮތުގެ ސަބަބުން އެ ހިލަތައް، ބަނދަރު ބޭނުންކުރަން ފެށިތާ އަހަރެއް ނުވަނީސް ވަނީ ރޫޅިގެން ގޮސްފައިކަމަށާއި އަދި އެތަނުގައި ޖަހާފައިވާ ރިވެޓްމެންޓް ތިރިވުމުގެ ސަބަބުން އެއްވެސް ހުރަހެއްނެތި ރާޅުއައުމުގެ ސަބަބުން ހުޅަނގު މޫސުމުގައި އެ ބަނދަރަށް ވަދެނުކުތުން ވަނީ ވަރަށް ދަތިކަމަކަށް ވެފައެވެ. ބޮޑެތި ރާޅުތަކުގެ ތެރެއިން ވަދެނުކުތުން މިވަނީ ނުރައްކަލަކަށް ވެގެން ގޮސްފައެވެ.

އިތުރަށް ރަޝީދު ވިދާޅުވެފައިވަނީ ދިގު މާޒީ އެއްގައި ރަށަށް އަރާ ފޭބުމުގައި ވަރަށް ހާލުގައި ރައްޔިތުން އުޅުމަށްފަހު އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ސަރުކާރުން ބަނދަރެއް ހައްދަވައި ދެއްވި ދެއްވުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށާއި ނަމަވެސް ފަސްއަހަރު ވެގެން ދިޔަ އިރުވެސް އުތީމު ބަނދަރު ގެ ހަގީގީ ފަސޭހަ ކަން އުތީމު ރައްޔިތުންނަށް އިހުސާސް ނުކުރެވި މިދަނީ ފާހަގަކުރެވިދިޔަ މައްސަލަތަކަށް ހައްލެއް ލިބިފައިނުވާތީކަމަށެވެ. ވުމާއެކު ކައުންސިލާއި އަދި ރަށުގެ ރައްޔިތުން އެދެނީ މިކަންކަމަށް ދާއިމީ ހައްލެއްލިބި އަދި ބަނދަރު ހެދުމާއި ގުޅިގެން އުތީމު ގިރަމުން ދާ ދިއުން ހިމާޔަތް ކުރެވިގެން ދިޔުމެވެ.