ދުވަސްވީ ޢާއިލީ މެންބަރުންނާއި، އާއިލާގައި ތިބި "ހައި ރިސްކު" މީހުނާ ހަމަޔަށް ކޯވިޑް-19 ވައިރަސް ނާދޭތޯ އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 ކޭސްތައް ފެނުން އިތުރުވެ، ބަލި ޖެހޭ ދިވެހިންގެ ޢަދަދު ބޮޑުތަނުން އިތުރުވެފައި ވަނިކޮށް ރޭ ކުރަށްވާ ފައިވާ ޓުވީޓެއްގައެވެ.

Ad
rt

މިނިސްޓަރު ޔުމްނާ ވިދާޅުވީ މި ދުވަސްވަރު މާސްކް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް އަޅުގަނޑުމެން ވަރަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ދުވަސްވީ ޢާއިލީ މެންބަރުންނާއި، އާއިލާގައި ތިބި "ހައި ރިސްކު" މީހުނާ ހަމަޔަށް ކޯވިޑް-19 ވައިރަސް ނާދޭތޯ އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ދުވަސްވަރު މާސްކް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް އަޅުގަނޑުމެން ވަރަށް ސަމާލުވާން ޖެހޭ. ދުވަސްވީ ޢާއިލީ މެންބަރުންނާއި އާއިލާގައި ތިބި "ހައި ރިސްކު" މީހުނާ ހަމަޔަށް ކޯވިޑް-19 ވައިރަސް ނާދޭތޯ އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭ."

މިނިސްޓަރު ޔުމްނާ މައުމޫން

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވެފައި ވާއިރު، މިނިސްޓަރު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ އެމްއާރުއެމުން ވަނީ މިވަގުތަކީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެންނަވައި، އެއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ވަގުތުކަމުގައި ބުނެފައެވެ.

ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވައި އެމްއާރުއެމުން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިނިވަން ދުވަސް ދިވެހިން މިއަދު ފާހަނގަކުރަން ޖެހިފައިވަނީ މުޅި ދުނިޔޭގައި އޮތް ކޯވިޑް-19 ގެ ބަލިމަޑު ކަމާއެކުގައިކަމަށެވެ. ބަލީގެ ނުރައްކާ އަނެއްކާވެސް ރާއްޖޭގައި ބޮޑުވެ، ބަލިޖެހޭ މީހުން އިތުރުވަމުން ދާކަމަށާއި، އަދި އެއްރަށުން އަނެއްރަށަށް ދަތުރު ކުރުމަށްވެސް މިހާލަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.

މިނިވަންދުވަސް އައިއިރު ރައްޔިތުންނަށް މިވަނީ، މިނިވަން ކަމާއެކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ޙާލަތާއި ގޮތެއް ނެތި އެކަމުގެ ދަތިތަކާއި ކުރިމަލާން ޖެހިފައިވާކަމަށާއި، މިޙާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުން މުހިންމު ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ބަޔާނުގައި ބުނެފައެވެ.

ކޯވިޑް-19 ގެ ސަބަބުން އާންމުކޮށް އުޅެމުން އައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާއިރު، ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި އެންމެން ދެކި ފަރުދީ ޒިންމާ އަދާކުރުމަކީވެސް މިވަގުތު އިސްކަންދޭންޖެހޭކަމެއްކަމަށް ބުނެފައިވެއެވެ.

ކޯވިޑް-19 އަށް 50 މީހުން އިއްޔެ ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 34 ދިވެހިން ހިމޭއިރު ޖުލައި 24 ވަނަ ދުވަހު ބަލި ޖެހުނު 77 މީހުންގެ ތެރޭގައި ވެސް 56 ދިވެހިން ހިމެނެއެވެ.

ރާއްޖެއިން މިހާތަނަށް 3302 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި 1488 ދިވެހިން ހިމެނެއެވެ. ބިދޭސީންގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީ 1458 މީހުން ޕޮޒިޓިވް ވެފައިވާ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. ރާއްޖޭގައި ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމާއި ހަމައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވަމުން އައީ ރާއްޖޭގައި އުޅޭ ބިދޭސީ އާބާދީގެ ތެރެއިންނެވެ. ނަމަވެސް ލުއި ތަކަށް ފަހު، ގިނައިން ޕޮޒިޓިވް ވަމުން ދަނީ ދިވެހިންނެވެ.

ރާއްޖޭގައި މިބައްޔަށް 738 މީހުންނަށް ފަރުވާ ދެމުން ދެމުން ދާއިރު، އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމްލަ އަކީ 2534 އެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށް 72،961 ސާމްޕަލެއް ނަގާފައިވާއިރު، އައިސޮލޭޝަން ގައި 574 މީހުން ތިބި އިރު، ކަރަންޓީނު ފެސިލިޓީގައި މިވަގުތު މީހަކު ނެތެވެ.