ރޭ އިޓާލިއަން ސީރިއާގައި ކުޅުނުމެޗު މެޗުން މޮޅުވެ ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ކާމިޔާބުކޮށް ޔުވެންޓަސްއިން ރެކޯޑު ގާއިމްކޮށްފިއެވެ.
ރޭ ލީގުގައި ސަމްޕްޑޯރިއާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެ ޔުވެންޓަސްއިން އިޓާލިއަން ލީގު ކާމިޔާބު ކޮށްފައިވާއިރު މިއީ އެ ޓީމުން އިޓާލިއަން ސީރިއާގެ ތަށި ހޯދި 36 ވަނަ ފަހަރެވެ.
ޖެހިޖެހިގެން ނުވަފަހަރު އިޓާލިއަން ލީގު ކާމިޔާބު ކުރުމާއިއެކު އެ ޓީމު ވެފައިވަނީ ޔޫރަޕްގެ އެންމެ މަތީފަންތީގެ ފަސް ލީގުގުގައި ޖެހިޖެހިގެން ނުވަ ފަހަރު ލީގުތަށި ހޯދި ފުރަތަމަ ޓީމަށެވެ. ޔޫރަޕްގެ ބޮޑު ފަސް ލީގަކީ އިނގިރޭސި ޕްރިމިއާ ލީގް، ސްޕެނިޝް ލަލީގާ، އިޓާލިއަން ސީރިއާ، ޖަރުމަން ބުންޑސް ލީގުގެ އިތުރުން ފްރެންޗު ލީގުގެވެ.
ރޭ ޔުވެންޓސްގެ ޓިއުރިންގައި ސަމްޕްޑޯރިއާ އާއި ބައްދަލުކުރި މެޗުގައި އެ ޓީމުން ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މުޅި މެޗު ވެސް ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެފައިވަނީ ޔުވެންޓަސްއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޔުވެންޓސްއަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި އެ ޓީމުގެ މިޑްފީލްޑަރ ޕިޔަނިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއަކުން އެ ޓީމު ކުރީގައި އޮވެގެނެވެ.
މެޗުގެ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ފެޑަރީކޯ ބެނާޑެޝީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޔުވެންޓަސްއަށް މި އަހަރުގެ ލީގު ތަށި ކަށަވަރު ކޮށްދީފައެވެ. މި މެޗުގެ ފަހުވަގުތުކޮޅު ތެރޭގައި ޔުވެންޓަސްއަށް ޕެނަލްޓީއެއް ލިބި ވަނީ ބޭކާރު ވެފައެވެ. ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.
ލީގުގައި ބާކީ ކޮންމެ ޓީމަކަށް ދެ މެޗު އޮތްއިރު މިހާތަނަށް ކުޅުނު 36 މެޗުން ކާމިޔާބުކުރި 34 ލަނޑާއެކު ލަނޑު ލިސްޓުގެ އެއްވަނާގައި އޮތީ އެތްލާންޓާގެ އިޓަލީ ފޯވާޑް އިމޯބައިލެވެ. ދެވަނާގައި 31 ލަނޑު ކާމިޔާބުކޮށްގެން އޮތީ ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މި މޮޅާއެކު ޔުވެންޓަސް ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ކުޅުނު 36 މެޗުން 83 ޕޮއިންޓް ހޯދއިގެންނެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް 36 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެޓްލާންޓާއަށް 36 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!