ށ. މަރޮށީގެ ޢާއިލާތައް ހިތް ހަމަޖައްސާލައި، ވަގުތުތައް ހޭދަ ކޮށްލުމަށް އެރަށުގެ ހުޅަނގު ދެކުނު ތުނޑީގައި ތައްޔާރު ވަމުންދާ މަންޒިލަކީ އެ ރަށުގެ ޢާއިލާތަށް ވަގުތު ހޭދަކޮށް ލުމަށް ލިބޭނެ ބޮޑު ހަދިޔާއެއްކަން ގައިމެވެ.
އެރަށުގެ ހުޅަނގު ދެކުނު ތުނޑީގައި ތައްޔާރު ވަމުންދާ އެމަންޒިލަށް އެ މަސައްކަތް ކުރަމުން އަންނަ ޒުވާނުން ދީފައިވާ ނަމަކީ " މަރޮށި ސަންސެޓް ބީޗް" އެވެ.
އެރަށުގެ ހުޅަނގު ދެކުނު ތުނޑިއަކީ ވަރަށް ޗާލު ތުނޑިއެކެވެ. ވަށައިގެންވާ ވެށިން ފެނިގެން ދަނީ ފެހި ކަމާއި، އާރޯކަމެވެ. ޖަޒީރާ ވަންތަ އެ މާހައުލުން ޖަޒީރާ ސިފަވަންތަކަށް ނިކަން ރަނގަޅަށް ފެނިގެން ދެއެވެ. ހަމަ އެހެންމެ ކުރިމަތީގައިވާ މޫދުން އިތުރު ޖަޒީރާ މަންޒަރުތައް ކުރެހިގެން ދެއެވެ.

މަރޮށި ސަންސެޓް ބީޗް ތައްޔާރު ކުރަމުންދާ ޒުވާނުންގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި އެތަން މިހާރުވެސް އެ ރަށުގެ ޢާއިލާތަކުން ދަނީ ބޭނުން ކުރަމުންނެވެ. އެ ޒުވާނުން އަދިވެސް އެ ގޮނޑުދޮށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުން ދާއިރު، ވިއްސާރަ ނޫން ކޮންމެ ދުވަހަކު އެރަށުގެ ޢާއިލާތައް އެ ތުނޑިއަށް ގޮސް ހިތް އުފާކޮށް އުޅެއެވެ.

މިހާރު އެ ގޮނޑު ދޮށުގައި ވަނީ އުނދޯލި އެލުވައި، ޖޯއްޔާއި އަދި އަށި ވެސް ހަދާފައެވެ. އެ ޒުވާނުން އަދިވެސް މަސައްކަތް ކުރަމުން ދަނީ ގޮނޑު ދޮށުގައި ކުޑަ ޖަހައި، ކުދިވެރީން މަޖާކޮށްލަން މޫދުގައި ގޮނޑިއެއް ހެދުމަށެވެ. އެ ގޮނޑުދޮށް ފުރިހަމަ ވާއިރު، އިތުރު މިފަދަ އެއްޗެތި އިތުރުވެގެން ދާނެ ކަމަށް އެ ޒުވާނުންގެ ފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ.

މި މަސައްކަތުގައި އެ ޒުވާނުންނަށް މުޅި ރަށުން ދެމުންދާ ހިތްވަރާއި އެހީތެރިކަމަކީ މި މަސައްކަތް ފުރިހަމަ ކުރެވެމުންދާ ސަބަބު ކަމަށް އެ ޒުވާނުން ބުންޏެވެ. އެކަމަށްޓަކައި، ރަށުގެ ރައްޔިތުންނަށް އެ ޒުވާނުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
އެ ތުނޑިއަކީ އެ ރަށުގެ ކުދި ބޮޑު އެންމެން ވެސް ޢާއިލާ ވަގުތުތަކަށް ބޭނުން ކުރަމުން އަންނަ ތުނޑިއަކަށް ވީއިރު، އެ ޒުވާނުންގެ އުންމީދަކީ އެ ތުނޑިއަށްދާ އެރަށުގެ ޢާއިލާތަކަށް އެ ޒުވާނުންގެ މަސައްކަތުން އިތުރު ހިތްހަމަ ޖެހުން ހޯދައި ދިނުމެވެ.

އެ ޒުވާނުންގެ އުންމީދަކީ ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އެ ތުނޑި އިތުރަށް ފައްކާ ކުރުމެވެ. އެ ޒުވާނުން އެ މަސައްކަތް ކުރަމުންދާއިރު ތިމާވެއްޓަށް ރައްކާތެރިވާނެ ކަމުގެ ޔަޤީންކަން އެ ޒުވާނުން ދެއެވެ.

މަރޮށްޓަކީ ރަށުގައި އުފައްދާ ކަރުހަކުރާއި، ރަށުގައި ހުރި ބޮޑު ކާނިގަހުގެ ސަބަބުން، ރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. މިކާނިގަހަކީ ކަޅުއޮށްފުންމީގެ ރިޔާ ބޭއްވުމަށް ބޮޑުތަކުރުފާނު ޖެއްސެވި ތިން ކަޑައިގެ ތެރެއިން އެއް ކަޑައެވެ. މިގަހަކީ 450 އަހަރަށް ވުރެން ގިނަދުވަސްވެފައިވާ ތާރީޚީ ގަހެކެވެ. މިރަށު ކުޅިއަކީ، ބޮޑުތަކުރުފާނުގެ ޖިހާދުގެ ދަތުރުގައި ދުޝްމަނުންނަށް ފިލުމަށް ކަޅުއޮށްފުންމި ވަދެނުކުމެ އުޅުނު މަޝްހޫރު ނެރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!