ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް ކަމުގައިވާ އޭޑީކޭ ހޮސްޕިޓަލުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ 100 މުވައްޒަފަކު ހިލޭ ކޯވިޑް-19 އަށް ޓެސްޓް ކޮށްދީފިއެވެ.

މިކަމާއި ގުޅިގެން ވެމްކޯއިން މިއަދު ބުނެފައިވަނީ އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން، އެ ހޮސްޕިޓަލްގެ ސީއެސްއާރުގެ ދަށުން ވެމްކޯގެ 100 މުވައްޒަފަކު މިއަދު ކޯވިޑަށް ހިލޭ ޓެސްޓް ކޮށްދީފައި ވާކަމަށެވެ.

Ad
rt

މިއަދު ވެމްކޯއިން ކޯވިޑަށް ޓެސްޓްކުރި ސަތޭކަ މުވައްޒަފުންނަކީ ކޯވިޑް-19 ގެ ބަލި މަޑުކަމުގެ ހާލަތުގައި އެ ކުންފުނީގެ ޚިދުމަތްތަކުގައި އިސް ސަފުގައި މަސައްކަތްކުރާ މުވައްޒަފުން ތެރެއިން ހޮވާލެވުނު ސަތޭކަ މުވައްޒަފުން ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މި އެހީތެރިކަމަށް ވެމްކޯގެ ފަރާތުން އެ ހޮސްޕިޓަލަށް ވަނީ ޝުކުރު އަދާ ކޮށްފައެވެ. ކޯވިޑް-19 ގެ ބަލި މަޑުކަމުގެ ހާލަތުގައި ވެސް ވެމްކޯ އިން އަންނަނީ އެ ކުންފުނިން ދެމުންދާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކެނޑި ނޭޅި، ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އޭޑީކޭ ހޮސްޕިޓަލަކީ ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓް ކުރަން ފެށި ފުރަތަމަ ޕްރައިވެޓް ހޮސްޕިޓަލެވެ. އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ސޮނެވާ ރިސޯޓްސްގެ ފަރާތުން ގެނައި ކޯވިޑަށް ޓެސްޓްކުރާ މެޝިން ރާއްޖެ ގެނެސް، އެތަނުގައި ކޯވިޑަށް ޓެސްޓް ސެންޓަރު ހިންގަނީ ވެސް އޭޑީކޭއިންނެވެ.

ރާއްޖެއިން ޗައިނާއަށް ދާ މީހުން ކޯވިޑް-19 އަށް ޓެސްޓް ކުރަން ހަމަޖައްސާފައިވާ ހޮސްޕިޓަލަކީވެސް، އޭޑީކޭ ހޮސްޕިޓަލެވެ.