ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން، ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޅ.އަތޮޅުން ފެށިގެން މ.އަތޮޅާހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން މިރޭ 23:20 އިން ދަންވަރު 02:30 ގެ ނިޔަލަށް ނެރެފައިވާ މިސަމާލުގައި ބުނެފައިވަނީ، ޔެލޯ އެލާޓް ނެރެފައިވާ ހިސާބުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ވިލާ ގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad
rt

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް ހުޅަނގު މޫސުމުގެ ބޯ ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރަށްވެފައި މިކަމާއި ގުޅިގެން ކޮންމެ ދުވަހަކުވެސް އެ އިދާރާއިން އަންނަނީ އެކި ސަމާލުތައް ނެރެމުންނެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މޫސުން ކުރިއަށް ލަފާކޮށް އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް މަޑު ވާނެކަމަށާއި އަދި އެހެން ހިސާބުގައި އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމުގައިވެސް މެޓް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.