ޤައުމީ ކުތުބުޚާނާގެ ޔޫޓިއުބް ޗެނަލް އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއިން އުފައްދާ ވީޑިއޯ ވާހަކަ ސިލްސިލާ، 'ވާހަކަ އަށި' އިފްތިތާޙުކޮށް ފިއެވެ.
ޤައުމީ ކުތުބުޚާނާގެ ޔޫޓިއުބް ޗެނަލް އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއިން އުފައްދާ ވީޑިއޯ ވާހަކަ ސިލްސިލާ، 'ވާހަކަ އަށި' އިފްތިތާޙުކޮށް ދެއްވީ މިކަމަށް މިއަދު އޮންލައިންކޮށް ބޭއްވުނު ރަސްމިއްޔާތެއްގައި އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި އޮންލައިން ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓްރީ ގެ މުޝީރުންގެ ތެރެއިން އަލްފާޟިލް ޢައްބާސް އިބްރާހީމް (ނ.ޢ.ޢ.ވ) އާއި އަލްފާޟިލް ޢަބްދުﷲ ޞާދިޤު (ނ.ޢ.ޢ.ވ) އާއި ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤާއި ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުޙްސިން ބައިވެރިވެވަޑައިގެންނެވި ކަމަށް ހެރިޓޭޖް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު އާމިރާއި ލައިބްރަރީ ގެ އިސްވެރިންނާއި މުވައްޒަފުން އަދި މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާގައި ހިމެނޭ އިދާރާތަކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ވެސް އެ މިނިސްޓްރީއިން ބުންޏެވެ.
އެ މިނިސްޓްރީއިން ބުނީ، ޤައުމީ ކުތުބުޚާނާގެ އިސް ވެރިއެއްގެ ގޮތުން 1981 ން 2008 ވަނަ އަހަރާއި ހަމައަށް ޚިދުމަތްކުރެއްވި، ދިވެހިރާއްޖޭގެ ފުރަތަމަ ކުތުބުދާރު، އައްނަބީލާ ހަބީބާ ހުސައިން ހަބީބު (ނ.ދ.ޢ.ވ) މި ރަސްމިއްޔާތުގައި ޚާއްސަ ވީޑިއޯ މެސެޖެއް ދެއްވަވާފައި ކަމަށެވެ.
މިއަދު އިފްތިތާޙު ކުރެވުނު ޤައުމީ ކުތުބުޚާނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އެކި މަޢުލޫމާތާއި ވީޑިއޯ ވާހަކައާއި ޢިލްމީ ފޯރަމްތައް އާންމުކުރުމަށް ހަމަޖެހިފައި ވާކަމަށް ވެސް ހެރިޓޭޖް މިނިސްޓްރީއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!