އުންމީދު ކުރެއްވީ ވީހާވެސް އަވަހަށް ކުޅުދުއްފުށީ ޓާފް ދަނޑު މަސައްކަތް ނިންމައިލެވޭނެ ކަމަށް: މިނިސްޓަރު މަޚްލޫފް

Mahloof

އުއްމީދު ކުރެއްވީ ވީހާވެސް އަވަހަށް ޓާފް ލިބި، ކުޅުދުއްފުށީ ޓާފް ދަނޑު މަސައްކަތް ނިންމައިލެވޭނެ ކަމަށް، ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަޚްލޫފް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ.

ޔާސިރު، މިނިސްޓަރު މަޚްލޫފާއި ސުވާލު ކުރެއްވީ ކުޅުދުއްފުށީ ބޮޑު ދަނޑުގެ ޓާފްގެ މަސައްކަތް ގޮއްސަފައި އޮތް ހިސާބެއް ސާފު ކުރެއްވުމަށެވެ.

"އަޅުގަނޑު ސުވާލަކީ، ކުޅުދުއްފުށީގައި ބޮޑު ޓާފް ދަނޑު ހެދުމަށްޓަކައި ސަބް ބޭސް ވަނީ މިހާރު ނިމިފައި. އަދި ހަމަ މިގޮތަށް އެތައް ރަށެއްގައި އެބަހުރިކަން އަޅުގަނޑު ފާހަގަކުރަން. މިއީ ސަރުކާރުން އެތަކެއް ހޭދަތަކެއް ކުރައްވައިގެން ސަބް ބޭސްގެ މަސައްކަތް ކުރައްވާފައި. އެހެންނަމަވެސް، މީގެ ޓާފްގެ މަސައްކަތް ގޮއްސަ އޮތް ހިސާބެއް އަޅުގަނޑުމެންނަށް ސާފުކޮށްދެވޭނެތޯ؟ އެއީ މިހާރު ސަބް ބޭސް އެއްކޮށް ހަލާކުވަމުން މި ދަނީ. މިއީ އަޅުގަނޑުމެން ހަމަ ދިވެހި ރައްޔިތުންގެ އެންމެހައި ފައިސާއިން ކުރަމުން އައި މަސައްކަތެއް. އެހެންވީމާ، ދުވަސްތަކެއްވެފައި އަނެއްކާ ސަބް ބޭސް އަޅުގަނޑުމެންނަށް ހަމަ ހަދަންޖެހޭނެ. އެހެންވީމާ، އެކަން ގޮއްސަ އޮތް ހިސާބެއް ސާފުކޮށްދެއްވުމަށް."

މެމްބަރު ޔާސިރު ކުރެއްވި ސުވާލުގެ ފުރަތަމަ ބައިގައި ވިދާޅުވެފައި ވެއެވެ.

މިސުވާލުގެ ޖަވާބު ދެއްވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ، ކުޅުދުއްފުށީގެ ބޮޑުދަނޑުގެ ސަބް ބޭސް މަސައްކަތް މި އޮތީ ނިމިފައި ކަމަށާއި، ހަނދާންވާ ގޮތުން އެއީ ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށެވެ.

މުޅި ރާއްޖޭގައި މިހާރު ފުޓުބޯޅަދަނޑުގެ ގާތްގަނޑަކަށް 37 ދަނޑުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، އުއްމީދުކުރަނީ މި އަހަރު ނިމޭއިރު ބޮޑު ސޯޅަ ދަނޑުގައި ޓާފް އެޅި ނިމިފައި އޮންނާނެ ކަމަށް، ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިތުރު 22
ދަނޑު މަސައްކަތް ވެސް ކުރެވެމުން ދާ ކަމަށާއި، ކުޅުދުއްފުށްޓަކީ އޭގެތެރޭގައި ހިމެނޭ ރަށެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުއްމީދުކުރީ ވީހާވެސް އަވަހަށް ޓާފް ލިބިގެން އެ މަސައްކަތް ނިންމައިލެވޭނެ ކަމަށް. ނަމަވެސް އަޅުގަނޑުމެން ޓެންޑަރ ބޯޑަށް މި މައްސަލަ ފޮނުވިން 18 ނޮވެންބަރު 2019 ގައި، އެކަމަކު މިއަދާއި ހަމައަށް ވެސް އެކަން ނިމިގެން އަޅުގަނޑު މެންނާ ހަމައަށް އައިއްސައެއް ނެތް. އަޅުގަނޑު ހަމަ ތަކުރާރުކޮށް އެކި ފަހަރު މަތީން އަޅުގަނޑު ހަމަ މިކަން ހަމަ ފާހަގަކުރަމުން އެބަދަން އިނގޭތޯ. އެހެންވީމާ، ތިވިދާޅުވި ގޮތަށް ސަބް ބޭސް ނިމި، އެތާ ވިނަ ފަޅައި، ވިނަ ފެޅީމާ ކައުންސިލުގައި މި ތަން ބަލަހައްޓައި ދޭށޭ އެދުނީމާ ކައުންސިލުން ބުނަނީ، ތިމަންނަމެންގެ މުވައްޒަފުންނެއް ނެތޭ. ބެލެހެއްޓޭކަށް ވެސް ނެތް. އެހެންވީމާ، އެކަން ކުރެވޭނެ ގޮތެއް ވެސް ނެތް."

މިނިސްޓަރު މަޚްލޫފް ވިދާޅުވިއެވެ.

"މޫސުން ގޯސްވާ ކޮންމެ ފަހަރަކު ސަބް ވޭސްތަކަށް ވަރަށް ބޮޑު ގެއްލުން އެބަވޭ. އެ ތަންތަން ހަލާކުވެގެން އެބަދޭ. އެހެންވީމާ، އަޅުގަނޑުމެން ޓާފް އަޅާ ވަގުތު ޖެހޭއިރު، އަނެއްކާވެސް މަދުވެގެން 5 ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްފައި ނޫނީ މި ކަންކަން ނުކުރެވޭނެ. މިއީ އަޅުގަނޑުމެން މިދިޔަ، ކުރެވުނު މަސައްކަތުގެ ތަޖުރިބާގައި، އެހެންވީމާ، އަޅުގަނޑު ވެސް ހަމަ އުއްމީދުކުރަނީ ވީހާވެސް އަވަހަށް ޓެންޑަރ ބޯޑުން ނިންމާފައި، މިއަދު ވެސް އަޅުގަނޑުމެންނާ ހަވާލުކޮށްފިއްޔާ ސޮއިކުރާނަން. ކުރީމާ އަޅުގަނޑަށް ހީވަނީ އެންމެ އަވަހަށް ވެސް އަޅުގަނޑުމެންނާ ހަމައަށް ރާއްޖެ ގެނެވޭނީ ވެސް އަނެއްކާ 3 މަސްވަރު ވާނެ ދެއްތޯ. އެހެންވީމާ، ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަޅުގަނޑަށް ހަމަ ބޮލުގައި އޮތް ވަރަށް ބޮޑު ރިހުމެއް އިނގޭތޯ، މި 22 ދަނޑު މި ދެންނެވިހެން. އެހެންވީމާ، އެކަމަށް ހަމަ ކޮންމެ ދުވަހަކު ވެސް މަސައްކަތް އެބަ ކުރަން." މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

ޔާސިރު އިތުރަށް ވަނީ ކުޅުދުއްފުށީގެ ދަނޑުތަކަކީ، ޚާއްޞަކޮށް ތިން ދަނޑަކީ، ޒުވާނުން، ޖަމުޢިއްޔާތަކުން ސީދާ ބަލަހައްޓައި
ތަރައްޤީ ކުރަމުން އަންނަ ދުނޑުތަކެއް ކަމަށާއި، މި ދަނޑުތަކުން އެ ޖަމުޢިއްޔާތަކަށް އާމްދަނީއެއް ނެރެވޭނެ ގޮތެއް މަގުފަހިކުރުމަށް މިނިސްޓަރުގެ ވިސްނުންފުޅަކީ ކޮބައިތޯވެސް ސުވާލު ކުރަށްވާފައެވެ.

އެ ސުވާލާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ މަޖިލިސްއިން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިޞްލާޙާ އެކީގައި ރަށުގައި ހުރި ފުޓުބޯޅަދަނޑެއް ވިޔަސް، ފުޓްސަލް ދަނޑެއް ވިޔަސް، ޒުވާނުންގެ މަރުކަޒެއް ވިޔަސް، އެ ހުރިހާ ތަނަކީ އެ ރަށެއްގެ ރައްޔިތުންގެ، އެ
ރަށެއްގެ ކައުންސިލެއްގެ އެއްޗެއް ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ނިންމި ނިންމުމަކީ، އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ހިންގަމުންދިޔަ ޒުވާނުންގެ މަރުކަޒުތައް ހުރިހާ ރަށު ކައުންސިލުތަކާ ހަވާލުކުރުން. އެކަމަކު ހިތާމަޔާއެކީ އަޅުގަނޑު ފާހަގަ ކޮށްލަންޖެހޭ، އެންމެ އެދެވޭ ގޮތަކަށް އެ ތަން ބެލެހެއްޓެމުން ނުދޭ ބައެއް ރަށްރަށުގައި. އަޅުގަނޑުމެންގެ މިނިސްޓްރީން ކުރިން ހިންގަމުންދިޔަ ވަރަށްވުރެ މާ ހާލަތު ގޯސްވެ، ބައެއް ތަންތަން ގުދަންތަކަށް ބަދަލުވެފައި އެބަހުރި. އޭގެ ސަބަބެއް ވެސް އެބައޮތް. މި ވަގުތު ބަޖެޓު އޮންނަނީ ޔޫތު މިނިސްޓްރީގެ ދަށުގައި. އެހެންވީމާ، އަޅުގަނޑުމެން ވެސް އެކޮޅަށް ފައިސާ ނުދީފިއްޔާ އެކަމެއް ނުއެއް ވޭ އިނގޭތޯ. މީގައި މިކަން އެންމެ މޮޅަށް ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ވެސް އެއީ ދެއްތޯ."

މިނިސްޓަރު ވިދާޅުވިއެވެ.

"ރަށުގައި ތިބި ބަޔަކު އެކަން ރަނގަޅުކޮށްގެން ކުރިއަށް ގެންދިއުން. އެތާ ހުންނަ ލައިޓެއް، ފުޓްސަލް ދަނޑުގައި ހުންނަ ލައިޓެއް އަނދައިގެން، އެ ލައިޓް މިނިސްޓްރީން ނުފޮނުވިގެން ދެ މަސްދުވަސް ވަންދެން ނުކުޅެ. ޔޫތު ސެންޓަރެއްގައި ޖަހާފައި ހުންނަ ބޮތްކެއް އަނދައިގެން އެ ތަން ބޭނުންނުކުރެވި ދެ މަސް. މިއީ މިކަން ހިނގަމުންދާ ގޮތަކީ. އެހެންވީމާ، އަޅުގަނޑު އިއްޔެގައި ވާނެ ހުރިހާ
ކައުންސިލުތަކަށް އަދި އެލް.ޖީ.އޭއަށް ވެސް އަންގާފައި، މިއަންނަ އަހަރުގެ ބަޖެޓުގައި، ކައުންސިލުތަކުގެ ބަޖެޓުގައި އެ ބައިބައި ހިމަނަން. މިނިސްޓްރީގެ ބަޖެޓުގައި އެ ފައިސާ މިހާރު ހުރުމުގެ އެއްވެސް ބޭނުމެއް ނެތް ދެއްތޯ." މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

މިނިސްޓަރު މަޚްލޫފު ވިދާޅުވީ މަޖިލިސްއިން އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް ކުރައްވާއިރުގައި ކައުންސިލުތަކުން ކުރާ މަސައްކަތަށް، އެ ފައިސާ ކައުންސިލުތަކުގެ ބަޖެޓުގައި ހިމެނިގެންދާނެ ގޮތަކަށް އެކަން ކުރެވިއްޖެ ނަމަ އެއަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި