‏ސްޓެލްކޯއިން ކުރިޔަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން މިއަދު ފެށި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، މުޖުތަމައުއަށް ފައިދާ ހުރި، ހަރުދަނާ ގާބިލް ޒުވާނުންތަކެއް ވާޒީފާގެ މާހައުލަށް ނެރުމަށްޓަކައި ފެށި ޕްރޮގްރާމެއް ކަމަށެވެ.

Ad
rt

މި ޕްރޮގްރާމްގައި 9 ޒުވާނަކަށް ތަމްރީނު ހޯދުމުގެ ފުރުޞަތު އެ ކުންފުނިން ވަނީ ފަހި ކޮށްދީފައެވެ. މި ގޮތުން އެ ޒުވާނުން ތަމްރީނު ކުރެވިގެން ދާނީ އިންޖީނިއަރިންގއާއި، ބިޒްނަސްގެ ދާއިރާއިން ކަމަށް ސްޓެލްކޯއިން މިއަދު ވަނީ ބުނެފައެވެ.

"މުޖުތަމައުއަށް ފައިދާ ހުރި، ހަރުދަނާ ގާބިލް ޒުވާނުންތަކެއް ވާޒީފާގެ މާހައުލަށް ނެރުމަށްޓަކައި ސްޓެލްކޯއިން ކުރިޔަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު ފަށައިފި. މި ޕްރޮގްރާމްގައި 9 ޒުވާނަކު އިންޖީނިއަރިންގއާއި، ބިޒްނަސްގެ ދާއިރާއިން ތަމްރީނުކުރެވިގެންދާނެ."

ސްޓެލްކޯ އިން ބުނެފައި ވެއެވެ.

މި ޕްރޮގްރާމް މިއަދު ފަށާފައިވާއިރު، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވަނީ ޕްރޮގްރާމްގެ ބައިވެރިންނާއި ބައްދަލުކުރައްވާފައެވެ. މުޣުނީ ވަނީ މި ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފާ، ސްޓެލްކޯގައި މަސައްކަތްކުރާ ދާއިރާގެ ތަޖުރިބާހުރި ފަރާތްތަކުގެ ކައިރިން އުނގެނުމަށް ނަސޭހަތްތެރިވެފައެވެ.

"މިއަދު މި ފުރުސަތު ލިބުނު ޒުވާނުން ވިސްނަންވީ ކަމަކީ ތައުލީމުން އެކަނި ދިރިއުޅުމުގެ ކާމިޔާބީއެއް ހާސިލްނުވާނެކަން. އެކަމަށް ބޭނުންވާ ތަޖުރިބާ މިތަނުގެ ވެރިންގެ ކިބައިން ތިޔަ ޒުވާނުންނަށް ލިބުމުގެ ފުރުސަތު މިއަދު މި ހުޅުވިގެންދިޔައީ."

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 3000 ރުފިޔާގެ އެލަވަންސެއް ދޭން ވަނީ ނިންމާފަ އެވެ. އަދި އެޕްރެންޓިސްޝިޕް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުސަތު ހަމަޖައްސާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯ އިން މިއަދު ފެށި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، 6 މަސްދުވަހުގެ ތަމްރީން ޕްރޮގްރާމެކެވެ.