މިއީ އެންމެން ގުޅިގެން އެކުގައި މަސައްކަތްކޮށް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ތެދުވާންވީ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙް މި މޭރުމުން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނާއި ޝަހާދާ ސާނަވިއްޔާ އިމްތިހާނުން އެންމެ މަތީ ދަރަޖައިގައި ފާސްވެ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ޙާޞިލުކުރި ހަތް ދަރިވަރުންނަށް ސްކޮލަރޝިޕުގެ ލިޔުން ހަވާކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މިއަދު ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ހުރިހާ ދަރިވަރުންނަކީ ވެސް، ޤައުމުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ދަރިވަރުން ތަކެއް ކަމުގައި ވުމަށް އެދިވަޑައި ގަންނަވާފައެވެ.

ތަޢުލީމީ ރޮނގުން މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދަކީ ޒިންމާދާރުކަމާއިއެކު ޤައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސްއޫލިއްޔަތާއި ހަވާލުވާނެ، އުފެއްދުންތެރި އަދި ޢިލްމީ ދަރިންތަކެއް ބިނާކުރުންކަމަށް ވެސް އެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ރައީސް އިތުރަށް ވިދާޅުވީ، ފަހުގެ ޒަމާނެއްގައި ރާއްޖެއަށް ކުރިމަތިވެފައި ނުވާފަދަ ބޮޑެތި ގެއްލުންތަކެއް ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ކަމަށާއި، މިއީ އެންމެން ގުޅިގެން އެކުގައި މަސައްކަތްކޮށް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ތެދުވާންވީ ވަގުތު ކަމަށެވެ.

މި ކަން ހާސިލުކުރުމަށް ޤައުމުގެ އިޤްތިޞާދީ ހަރަކާތްތަކާއި ވަޒީފާގެ މާޙައުލުގައި ހަރަކާތްތެރިވާ ދިވެހިންގެ ޢަދަދު، މިހާރަށްވުރެ އިތުރުކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުވާ ފައިސާގެ އަދަދު މަދުކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވެސް އެކަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވަނީ ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ދިވެހި މަސައްކަތް ތެރިންނަށާއި، ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް، ގޮވައިލައްވައި ލައްވާފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވި ހަތް ދަރިވަރުންނަކީ، މަތީ ސާނަވީ އިމްތިހާނުގައި ޑިސްޓިންކްޝަން ހޯދާފައިވާ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަންގެ ފަސް ދަރިވަރަކާއި، ޝަހާދާ ސާނަވިއްޔާ ނިންމާ އިމްތިހާނުން އިމްތިޔާޒު ޙާޞިލުކުރި އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދެ ދަރިވަރެކެވެ.