އުދައިގެ ސަބަބުންނާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކުރަމެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައްކާތެރިވެ ތިބުމަށް ދޭ އިރުޝާދު ހާމަ ކުރަމުން އެންޑީއެމްއޭ އިން ބުނީ މޫސުން ކުރިއަށް ލަފާ ކުރާ ގޮތުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50-45 މޭލަށް ވައިގަދަވާނޭކަމަށާއި، ވަޔާއި ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއްވާ ކަމަށެވެ.
އެހެންކަމުން އުދައިގެ ސަބަބުންނާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް އެންޑީއެމްއޭ ވަނީ ބުނެފައެވެ.
އެންޑީއެމްއޭ ދީފައިވާ ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅޭ ރައްކާތެރިކަމުގެ އިރުޝާދުތައް
- ޚާއްސަކޮށް މޫދާއި ކައިރީގައި ބިނާކޮށްފައިވާގޮތަށް ފެން ނުވަންނާނެ ހެން ރައްކާތެރި ފިޔަވަޅު އެޅުން. މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން.
- ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.
- ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށް ގެން ފުރާޅު އެއްލާނުލާ ފަދަ ގޮތަކަށް ހައްޔަރު ކުރުން.
- ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން.
- ބޭނުން ނުކުރާނަމަ އިލެކްޓްރިކް ތަކެތި ނިއްވާލާފައި ބެހެއްޓުން.
- ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުން.
އެންޑީއެމްއޭގެ މި އިރުޝާދުތަކުގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރަށު ފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ޙާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެންޑީއެމްއޭ އިން ވަނީ އެދިފައެވެ.
މިދުވަސް ވަރު ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ނުރައްކާތެރި ކަނޑުމަތީގެ ބައެއް ހާދިސާތައް އިއްޔެއާއި މިއަދުވެސް ވަނީ ހިނގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!