އިނގިރޭސި އެފްއޭކަޕް ފައިނަލްގެ ފުރަތަމަ ޖާގަ އާސެނަލް އަށް!

0_FA-Cup-Semi-Final-Arsenal-v-Manchester-City

އިނގިރޭސި އެފްއޭ ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ އާސެނަލް އިން ހޯދައިފިއެވެ.

ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެފްއޭކަޕް ސެމީފައިނަލް މެޗުގައި އާސެނަލްއާއި މެންޗެސްޓާރ ސިޓީ ވާދަކޮށް، 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައިވަނީ އާސެނަލްއިން ނެވެ.

މި މެޗުގައި އާސެނަލްއަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ، މެޗުގެ 19 ވަނަ މިނެޓްގައި ނިކޮލަސް ޕެޕޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމުގެ އިތުބާރު ފޯވާޑު އައުބަމެޔަންއެވެ. ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއްލަނޑުގެ ތަފާތުން އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން މެންޗެސްޓާރ ސިޓީން މޮޅަށް ކުޅުނު ނަމަވެސް މެޗުގެ 71 ވަނަ މިނެޓްގައި އާސެނަލުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އައުބަމެޔަންއެވެ.

އާސެނަލްގެ ދެވަނަ ލަނޑާއެކު މެންޗެސްޓާރ ސިޓީންވަނީ މުޅި ޓީމު އެއްކޮށް ކުރިއަށްޖައްސައި އާސެނަލްގެ ގޯލަށް ނުރައްކާކުރަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އާސެނަލްއިން ވަނީ ވިސްނުންތެރިކަމާއެކު ޑިފެންސްކޮށް ސިޓީއަށް ލަނޑެއްޖެހިޔަ ނުދީ ހިފަހައްޓާފައެވެ.

އާސެނަލްގެ ކޯޗުކަމާއި މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ހަވާލުވުމުގެ ކުރިން އާޓޭޓާ ހުރީ ސިޓީގެ މިހާރުގެ ކޯޗު ގާޑިއޯލާގެ އެސިސްޓެންޓަކަށެވެ. ވުމާއިއެކު ގާޑިއޯލާގެ މައްޗަށް މި ހޯދުނު ކާމިޔާބީއަކީ އާޓޭޓާއަށް ވަރަށް ހާއްސަ ކާމިޔާބީއެކެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ އާސެނަލް ކަށަވަރު ކޮށްފައިވާއިރު، ފައިނަލްގައި އެ ޓީމު ބައްދަލު ކުރަންޖެހޭ ޓީމެއް ކަނޑައެޅިގެންދާނީ މިރޭ ކުޅެވޭ އެފްއޭކަޕްގެ ސެމީފައިނަލްގެ ދެވަނަ މެޗުންނެވެ. މި މެޗުގައި ބައްދަލު ކުރާނީ ވާދަވެރި ދެ ޓީމުކަމުގައިވާ މެންޗެސްޓާރ ޔުނައިޓެޑާއި ޗެލްސީއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 22:00 ގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *