ހއ. އިހަވަންދޫ ކުނި ގޮނޑު ގިރާލާ އެރަށުގެ ރީތި ގޮނޑުދޮށް ކުނިން ކުނިވެއްޖެއެވެ.

ރާއްޖޭގެ މޫސުން ގޯސްވެ ރާއްޖޭގެ އެކި ރަށްރަށް އުދަ އަރަމުން އަންނަ މިދުވަސްވަރު އިހަވަންދޫއަށްވެސް ރާޅު އަރަމުން އަންނަކަމަށާއި އެގޮތުން އެރަށުގެ ކުނި ގޮނޑު ގިރާލުމުގެ ސަބަބުން ރަށްވަށައިގެން ކުނިވެފައިވާކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަސީދުވެސް ވަނީ ވިދާޅުވެފައެވެ.

Ad
rt

"ތިލަދުން" އަށް މަޢުލޫމާތުދެމުން މުޙައްމަދު ރަޝީދު ބުނެފައިވަނީ ކުނިގޮނޑު އޮތް ސަރަހައްދަކީ ވަރަށް ބޮޑަށް ގިރާ ސަރަހައްދެއްކަމަށާއި މިމައްސަލަ ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

ރަޝީދު އިތުރަށް ފާހަގަ ކުރި ގޮތުގައި އެރަށުގައި އޮތް ކުނި ކޮށީގައި 13 ވަރަކަށް އަހަރުވީ ކުނި ހުންނާނެކަމަށާއި މީގެ ކުރިން ވަރަށް ކުޑަ މިންވަރެއް ރަށުން ބޭރުކުރެވިފައިވީ ނަމަވެސް މިކަމަށް ދާއިމީ ހައްލެއް އަދި ލިބިފައިނުވާކަމަށެވެ. ދޭތެރެއަކުން މިމައްސަލަ ބޮޑު ވުމުން ރަށުގައި ކުނި ވަޅުލާފައިވާނެކަމަށްވެސް ރަޝީދު ފާހަގަ ކުރިއެވެ.

ރަޝީދު އިތުރަށް ފާހަގަ ކުރި ގޮތުގައި އެރަށުގެ ކުނި ގޮނޑު އޮންނަނީ މޫދާއި ވިހިވަރަކަށް ފުޓު ކައިރީގައި ކަމުން މިހާރު ރާޅު ޖަހަނީ ސީދާ ކުނިގޮނޑަށް ކަމަށެވެ. އެއާއި އެކު ކުނި ގޮނޑުގައި ހުރި ކުނިތައް އޮޔާގޮސް ރަށް ވަށައިގެން އެކުނިތައް ދަނީ ދަޢުރުވަމުން ކަމަށެވެ. މިކަމުގެ ސަބަބުން ތިމާވެށީގެ އެކިއެކި މައްސަލަތައް ފެންމަތި ވެފައިވާކަން ރަޝީދު ފާހަގަކުރިއެވެ.

މިފަދަ މައްސަލައެއް 2018 ވަނަ އަހަރުވެސް ވަނީ ކުރިމަތި ވެފައެވެ. އެފަހަރުވެސް ކުނި ގޮނޑު ގިރާލާ ރަށުގެ އެކި ސަރަހައްދުތަކަށް ވަނީ ގޮސްފައެވެ.

އެރަށު ޒުވާނަކު ބުނެފައިވަނީ އެރަށުގައި ކުނި އުކާލުމަށް ބޭނުން ކުރަމުން އަންނަ ޕިކަޕް ހަލާކުވެފައިވުމާއި ގުޅިގެން އެކަންވެސް ހުއްޓިފައިވާކަމަށެވެ. އެއާއިއެކު ބަޔެއް ފަރާތްތަކުން ޑަސްބިން ގޮނޑުދޮށަށް އުކާލުމުގެ ސަބަބުން ޑަސްބިނާއި އެކުވެފައި ހުންނަ ފުޅިއާއި ޕްލާސްޓިކް ސާމާނުވެސް މޫދަށް އެޅިފައިވާކަމަށެވެ.

މި ކުނީގެ އިޝޫގަ މި ވެގެން އުޅޭ ގޮތަކީ މި ރަށުގަ ކުނި މެނޭޖު ކުރެވޭނެ ނީޒާމެއް ނެތި އޮންނަތާ އެއްތައް ޒަމާނެއް. މިހެން އޮއްވާ 2018 ޖުލައިގަ ކުނި ގޮނޑު ގިރާލީ މޫދަށް. ދެން އެކަމަކާ އެ އިރު އޮތް ކައުންސިލުން އަޅައެއް ވެސް ނުލި. ދެން އަމިއްލައަކަށް އެކަން ހައްލުވީ. ދެން ފަހުން މިހާރު މި އޮތް ކައުންސިލުން ފެނަކަ އާ ގުޅިގެން ކުނި އުކާދީ ގޮނޑު މެނޭޖު ކުރަން ފެށީ. މިހެން އޮއްވާ މި ފަހުން ވެހިކަލް ހަލާކުވެގެން ހުއްޓުނީ. ދެން އެ ފަހުން ކުނިވާ ކުނި އެންމެން އުކަން ފެށީ މޫދަށް.

ކަންބޮޑުވުންތައް ހިއްސާކުރަމުން އެޒުވާނާ ބުނެފައިވެއެވެ.

ދެން މިވީ ގޮތަކީ އިރުމަތީ ފަޅި ވޮޑޭ މޫސުން އައީމަ އެއްކަލަ މޫދަށް ބޭރުވެ ގާތަކު ތެރޭ ހަރުލާފަ އޮތް ކުނި އެތި އެއްގަމަށް ލައް ވަނީ. އަނެއްކޮޅުން ކުނިވާ ކުނި މޫދަށް އަޅާތީ މުޅި މޫދުވެސް ކުނި ވެސްވެފަ. ކުނިވާ ކުނީގެ ނަމުގަ މި އުކަނީ ހުސް ދަޅާ ފުޅިއާ ކޮތަޅާ އެކަހަލަ އެއްޗެހި ވެސް ހިމެނޭހެން. އެހެންވެ އެ ހުރިހާ ކުންޏެއް ގޮނޑުދޮށުގަ. މޫދުގެ ފަރުވެސް ކުނިން ފުރިފަ. އަނެއްކޮޅުން ކުނިގޮނޑު އޮންނަނީ ރަށް ފުރިފަ އޮތީމަޔާ އެކީ މީހުން އުޅޭ ހިސާބާ ކައިރީގަ ކަމަށް ވާތީ، ކުނި އަންދައިގެން ނޫނީ ކުނި ގޮނޑު މެނޭޖު ނުކުރެވޭތީ ކުނި އެންދީމަ އަރާހާ ދުމެއް ގޭގެއަށް ގޮސް މީހުން ބަލިވާ ހިސާބަށް އެބަދޭ.

އިތުރަށް އެޒުވާނާ ބުނެފައިވެއެވެ.

ރަށް ވަށައިގެން ފައިބަރު ދޯނި ބަނުމުގެ މަސައްކަތް ކުރާތީ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން އެ ކެމިކަލްތަކުގެ އަސަރު ވެސް މޫދާއި ގޮނޑު ދޮށުގަ ފުނިޖެހި އެ އޮންނަކަން އެޒުވާނާ ފާހަގަކުރިއެވެ. އަދި އެ ފަދަ ކުނިވެސް އުކަނީ ގޮނޑަށްކަމަށާއި އެ ވެސް ހަމަ އަންދަމުންދާކަން ފާހަގަ ކުރިއެވެ.

އަސްލު ބޮޑު ވިހައެއް. އެހެންވީމަ ހަގީގަތުގަ އިހަވަންދޫ މި އޮތީ ކުނީގެ މައްސަލައިގަ ހަލާކުވެފަ. ވިހަވެ ތަގައްޔަރުވެ މީހުން ދިރިއުޅެން ނުވާވަރު ވެފަ.

އެޒުވާނާގެ ކަނބޮޑުވުންތައް "ތިލަދުން" އާއި ހިއްސާކުރަމުން ބުނެފައިވެއެވެ.

މިމައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އިހަވަނދޫއަށް ނިސްބަތްވާ ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)ގައި ވަކީލުން ތަމްސީލު ކުރައްވާ މެމްބަރު އަބްދުލްމާނިއު ހުސައިން ބުނެފައިވަނީ ގޮނޑުދޮށް ގޮނޑުވެ މޫދު ކުނިވެ އަތިރިމައްޗަކީ އައްޗިއަކަށްވެއްޖެ ކަމަށެވެ. އަދި އެރެން އޮތް މޫދަށް ގޭ ޑަސްބިން އެޅުން ނޫން ގޮތެއް ހޯދަންވެއްޖެ ކަމަށާއި ގުދުރަތުގެ ވެށި ވިހަޔާއެކީ ވެށި ޒަހަރަށްވެދާއިރު ވަރިހަމަވެ ތިބެންވީތޯ ވަނީ ސުވާލު ކުރައްވާފައެވެ.

ގޮނޑުދޮށާއެކު ކުނިގޮނޑު ގިރާލައި، ގުންޑޯޅިއަށް ގޮނޑު އެޅި މުޅި މޫދާއި ގޮނޑުދޮށް ގޮނޑުވެ މުޅި ވެށި ތަގައްޔަރުވެގެން ދިޔަ ދުވަހު ސިޔާސީ އެދުމާއި ޖާހަށްޓަކައި ހަނު ތިބި ބަޔަކަށް އަދު ރޯފިލައިފި، އެ އިހުމާލު ތާއަބަދަށް ދެމިދާ އާފާތަކަށް ވެއްޖެކަން. އެކަމާ ކުރެވޭން އޮތް އުފަލަށް ވުރެ، ރަށުގެ ތިމާވެށީގެ ހާލަތާމެދު ކުރާން މި ޖެހޭ ހިތާމަ މާ ބޮޑު. މި ހާލަތު ނިންމަން ނުކުންނަން ޖެހޭ.

އަބްދުލްމާނިއު ހުސައިން ކަންބޮޑުވުން ފާޅޫކުރަމުން ފޭސްބުކް ސްޓޭޓަސް އެއްގައި ބުނެފައިވެއެވެ.