ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލު ކުރުމުގައި ޒަމާންތަކެއް ވަންދެން މުޅި ދައުލަތް އޮތީ ނުކުޅެދިފައި ކަމަށާއި، މިފަދަ މައްސަލަތައް ޙައްލު ނުކޮށް، ޤައުމެއްގެ ގޮތުގައި އަދި މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށް ދެވެން ނެތް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ކުރިއަށް ގެންދާ "ގެވެށި ގުޅުން" ކެމްޕެއިން އިފްތިތާޙު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިއްޔެ ދެއްވި ޚާއްޞަ މެސެޖުގައި ރައީސް ވިދާޅުވީ ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަކީ މުޖުތަމަޢުގެ ތެރޭގައި ހުރި ގިނަ މައްސަލަތަކެއް މެދުވެރިވާން ދިމާވާ އެއް ސަބަބު ކަމަށާއި، މި މައްސަލައަކީ ޒަމާންތަކެއް ކުރިން ފެށިގެން މިހާތަނާއި ހަމައަށް އައިސްފައިވާ، ފަނާކުރަނިވި މައްސަލައެއް ކަމަށެވެ.

Ad
rt

ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަށް ނޫނެކޭ ބުނުމުގެ ޙައްޤާއި، ފުރުޞަތާއި، ހިތްވަރު ކޮންމެ މީހަކަށްވެސް ލިއްބައިދޭން ޖެހޭ ކަމަށާއި، އަދި އެ ޙައްޤު ރައްކާތެރިކޮށްދޭ ދައުލަތެއް ބިނާ ކުރުމަކީ އެމަނިކުފާނުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވެސް އެ މެސެޖުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ބަޖެޓުން މިކަމަށް ކުރާ ހޭދަ އިތުރުކޮށްފައިވާކަމަށާއި، ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތަކަށް މި އަހަރު ކަނޑައަޅާފައިވާ 294 މިލިއަން ރުފިޔާގެ ބަޖެޓަކީ 2018 ވަނަ އަހަރު އެ މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ 111 މިލިއަން ރުފިޔާ އިތުރު އަދަދެއްކަމަށެވެ.

މީގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުވެސް، 28 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، 2019 ވަނަ އަހަރުގެ ފަހުކޮޅު ތަޞްދީޤުކޮށް، މިއަހަރުގެ ކުރީކޮޅު ޢަމަލުކުރަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

‎"ނަމަވެސް، މިއީ މި ހިސާބުން ނިންމައިލެވޭނެ ކަމެއް ނޫން. ގެވެށި އަނިޔާގެ މައްސަލަތަކާއި، ފަޚުރުވެރި ޢާއިލާއެއް ބިނާ ކުރުމަށް ދިމާވެފައިވާ އެހެނިހެން ގޮންޖެހުންތައް ނައްތައިލުމަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ދާއިރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ގިނަކަން އަޅުގަނޑު ޤަބޫލު ކުރަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ މި މެސެޖުގައި ވަނީ އެފަދަ މައްސަލަތައް ސަރުކާރާއި މުޖުތަމަޢުގެ ސަމާލުކަމަށް ގެނައުމަށް މަދަނީ އެކި ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ.

މުޖުތަމައުގައި މިފަހަކަށް އައިސް އިތުރުވަމުން އަންނަ ގެވެށި އަނިޔާގެ މައްސަލައާ ގުޅޭ ގޮތުން މުޅި މުޖްތަމައު ހޭލުންތެރިކުރުމުގެ މަގްސަދުގައި “ގެވެށި ގުޅުން” ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ކުރިއަށްގެންދާ ތިންމަސް ދުވަހުގެ ގައުމީ ކެމްޕެއިން އިއްޔެ ވަނީ އިފްތިތާހްކޮށްފައެވެ.