މިމަސްތެރޭގައި 34 ރަށެއްގެ ފެނާއި ނަރުދަމާގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނިމޭނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ިއިއްޔެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހދ. ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބެއް ސާފުކުރެއްވުމަށް މިނިސްޓަރ އަސްލަމްއާއު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ ހދ. ކުމުންދޫ ފެނާއި ނަރުދަމާގެ މަސައްކަތަށް ޑިޒައިން މަސައްކަތް ޓެންޑަރކޮށް، ކޮންސެޕްޗުއަލް ޑިޒައިން ނިމި، މިހާރު ޑީޓެއިލް ޑިޒައިން މަސައްކަތް ނިންމުމުގެ މަރުޙަލާގައި އޮތްކަމަށެވެ. މިރަށްތަކުގެ ތަފްސީލެއް މިނިސްޓަރ ޙާމައެއް ނުކުރައްވައެވެ.

Ad
rt

އަޅުގަނޑުމެން މިހާރު މަޝްވަރާކުރަމުން މި ގެންދަނީ، މިގޮތަށް އުޅޭ 34 ރަށެއް އެބައުޅޭ. ޑިޒައިން މަސައްކަތް ނިންމުމުގެ މަރުޙަލާގައި. މި މަސް ނިމޭހާ ތަނުގައި އަޅުގަނޑުމެންނަށް ފައިނަލް ޑިޒައިންތައް ލިބޭނެ. ބައެއް އެއްޗެހި އަޅުގަނޑުމެންނަށް ލިބި، އިތުރަށް އަޅުގަނޑުމެން ސާފުކުރަންޖެހޭ ބައެއް ކަންކަން. އެހެންވީމާ، މަސް ނިމެންވާއިރަށް އަޅުގަނޑުމެންނަށް މިދެންނެވި 34 ރަށެއްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނިމޭނެ.

މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިހާރު ގިނަ ރަށްރަށުގެ މަސައްކަތްކުރަމުން ގެންދަނީ އެމް.ޑަބްލިޔު.އެސް.ސީއާ އެކީގައި ޑިފަރޑް ޕޭމަންޓެއްގައި މަސައްކަތް ކުރެވޭތޯކަމަށެވެ.

އެ ބޭފުޅުން ޕޮޒިޓިވްލީ ރެސްޕޮންޑުކޮށްފައި އެބައޮތް އަޅުގަނޑުމެންނަށް އެކަން ކުރުމަށް. އެހެންވީމާ، އުއްމީދު މި ކުރަނީ، އެ ޕްރޮސެސްގެ ތެރެއިން ޢަމަލީ މަސައްކަތް ކުމުންދޫގައި ވެސް އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭނެ ކަމަށް.

ރާއީގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވެފައިވެއެވެ.

ރާއީގެ ސުވާލުގައި އިތުރަށް ފާހަގަކޮށްފައިވަނީ ކުމުންދޫގެ ފެނާ ނަރުދަމާގެ މަސައްކަތަކީ މި އަހަރު ބަޖެޓުކުރެވިފައިވާ ކަމެއްކަމަށެވެ. މީގެ އިތުރުން ރައީސް ވެސް އެ ރަށުގެ ނަރުދަމާ މި އަހަރު އެޅޭނެ ކަމަށް ވިދާޅުވެފައިވާކަމަށް ދަންނަވާފައިވެއެވެ. އެ ރަށުގެ ރައްޔިތުންނަކީ ރައީސުންނަށް ވަރަށް އިތުބާރުކުރާ ބޭފުޅުންތަކެއް ދިރިއުޅޭ ރަށެއްކަމަށާއި މިހާރު ޔަޤީންކަން ލިބެން ބޭނުންވަނީ މިއަހަރުގެ ތެރޭގައި އެ ސާމާނު އެ ރަށަށް އަރުވައިލެވޭނެތޯ ރާޢީ ވަނީ ސުވާލުކޮށްފައެވެ.