ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އަލަށް އުފުލާފައިވާ ހަތް ދައުވާ ބާޠިލު ކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ނިންމައިފި އެވެ.

ޖޭއެސްސީއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު، ކްރިމިނަލް ކޯޓްގެ ހަތް ގަޟިއްޔާއިން ބެލި މައްސަލާގައި، ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރު ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށް ފައިވާ ކަމަށް ބުނެ އެކޮމިޝަނަށް ހުށަހެޅާފައިވާ މައްސަލަ ބެލުމަށް ތަޙުޤީގު ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ.

Ad
rt

ޤާޟީ އަލްއުސްތާޛު އިސްމާޢީލް ރަޝީދަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި 7 ދަޢުވާއެއް ބާތިލް ކުރަން ނިންމެވި ޤާޟީއެވެ. އެމައްސަލަތައް ބާތިލްކަމަށް އެ ކޯޓުން ނިންމެވީ އިއްޔެގައެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލް މިއަދު ވަނީ އިސްތިއުނާފު ކޮށްފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ ފާހަގަކުރެއްވި ނުކުތާތަކުގެ މައްޗަށް އިސްތިއުނާފު ކުރުމަށް މިއަދު ހައިކޯޓަށް ފޮނުވާފައި ވާކަމަށެވެ.

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދަޢުވާ ކްރިމިނަލް ކޯޓުން ބާޠިލްކުރުމަށް ނިންމެވި ހުކުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެޙުކުމުގައި ފާހަގަވި ކަންކަމަށް ބަލާ ޤާޒީ އިސްމާޢީލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށައަޅަން ނިންމާފައިވާ ކަމަށް ޕީޖީ ޝަމީމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އަދީބުގެ މައްޗަށް އަލަށް އުފުލި ހަތް ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ދައުވާތަކެއް ކަމަށް ކަނޑައަޅައި، އެ ދައުވާތައް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ ބާތިލުކޮށްފަ އެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތްދަޢުވާއަކީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދެ ދައުވާ އަކާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.

ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައިވެސް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. ދައުލަތުން ބުނެފައި ވަނީ އެއްބަސްވުން ހަދަން ހުށަހެޅުއްވީ އަދީބު ކަމަށެވެ. ނަމަވެސް، މި ހަފްތާގެ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ، އެއްބަސްވުން ހަދަން ހުށަހެޅުއްވީ އެސިސް، އޭރުގެ ޕީޖީ އައިޝަތު ބިޝާމް ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރީ ބޭސްފަރުވާއަށް ބޭނުންވެ އެހެން ގޮތެއް ނެތިގެން ކަމަށެވެ.

އަދީބުގެ މައްޗަށް ކުރިން އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ވެސް މަތީ ކޯޓުތަކުން މިދިޔަ އަހަރު އޮތީ ބާތިލްކޮށްފަ އެވެ.